ފީފާ ވަރލްޑް ކަޕް ކޮލިފައިންގައި ސެން މެރީނޯ ކޮޅަށް 10 ލަނޑު ޖަހައި އިންގްލެންޑުން ވަރލްޑް ކަޕްގެ ސީދާ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މިއީ 1964 ވަނަ އަހަރަށްފަހު މެޗެއްގައި އިންގްލެންޑުން 10 ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
އަންނަ އަހަރު ގަތަރުގައި ބާއްވާ ވަރލްޑް ކަޕް ކޮލިފައިންގެ ގްރޫޕް އައިގައި ރޭ ސެން މެރީނޯ އާއި އިންގްލެންޑް ވާދަކުރި މެޗުގައި އިންގްލެންޑްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. 10 ލަނޑު ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު އިންގްލެންޑުން ނިންމާލީ 0-5 ގެ ނަތީޖާއަކުންނެވެ. މެޗުގައި އިންގްލެންޑްގެ ފުރަތަމަ ލަނޑު މެޗުގެ 6 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހެރީ މެގުއާއެވެ. ދެވަނަ ލަނޑަކީ ސެން މެރީނޯ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެެވެ. ފުރަތަމަ ހާފުގައި އިންގްލެންޑުން ދެން ޖެހި 4 ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ. މި ހަތަރު ލަނޑާއެކު ކޭން ވަނީ ގައުމީ ޓީމަށް 48 ލަނޑު ޖަަހައި ލެެޖެންޑަރީ ތަރި ގެރީ ލިނެކާގެ ރެކޯޑާ އަރާ ހަަމަކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި އިންގްލެންޑުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އެމީލް ސްމިތު ރޯވް، ޓައިރަން މިންގްސް، ޓެމީ އަބްރަަހަމް އަދި ބުކާޔޯ ސަކާއެވެ.
މި މޮޅާއެކު ގްރޫޕް އައިގެ އެއްވަނަ އިންގްލެންޑުން ހޯދީ ކޮލިފައިންގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.
މީގެ އިތުރުން ވަރލްޑް ކަޕް ކޮލިފައިންގައި ރޭ އިޓަލީ އާއި ނޮދަން އަޔަލޭންޑް ބައްދަލުކުރި މެޗު އެއްވަރުވުމުން، އިޓަލީން ވަރލްޑް ކަޕަށް ކޮލިފައިވުމަށް އިތުރު އިންތިޒާރެއް ކުރަން ވަނީ ޖެހިފައެވެ. ލަނޑެއް ނުޖެހި މި މެޗު ނިމުމާއެކު، އިޓަލީ ހިމެނޭ ގްރޫޕް ސީގެ އެއްވަނަ ހޯދައި ވޯލްޑް ކަޕަށް ކޮލިފައިވީ ސްވިޓްޒަލެންޑެވެ.
ކޮމެންޓު ފޮނުވާ