އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދަ ހޯދުމަށްޓަކައި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން ހުއްޓާލަފައި އޮތްއޮތުން އިތުރު އެއް އަހަރުގެ މުއްދަތަކަށް އިތުރުކުރުމުގެ ހުއްދަ ފިނޭންސް މިނިސްޓަރ މަޖިލީހުގައި އެދިވަޑައިގެންފިއެވެ.
މިއީ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން ހުއްޓާލަފައި އޮތްއޮތުން އިތުރުކުރުމަށް އެދުނު 3 ވަނަ ފަހަރެވެ. މީގެ ކުރިން 2 ފަހަރެއްގެ މަތީން ވަނީ މިމުއްދަތު އިތުރުކޮށްފައެވެ.
އިތުރު އެއް އަހަރަށް މުއްދަތު އިތުރު ކުރުމަށް އެދި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީދު މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވީ ވޭތުވެދިޔަ 18 މަހެއްހާ ދުވަހުގެ ތެރޭގައި މި އިސްތިސްނާގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތްތަކަށް ބުރޫ އެރިޔަނުދީ، ދައުލަތް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. މީގެ އިތުރުން، އިޤްތިސާދީގޮތުން ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓުނު ވަގުތު، ވިޔަފާރިތަކަށާއި އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކޯވިޑް-19 އާ ގުޅިގެން ކުރަން ޖެހުނު ސިއްޙީ ހޭދަތަކާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ޚަރަދުތައް ހަމަޖެއްސުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށެވެ.
ވެކްސިނާއެކު ކޯވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އުންމީދީ ނިޝާންތަކެއް ފެނި، ބޯޑަރުހުޅުވާލުމާއެކު ރާއްޖޭގެ ފަތުރުވެރިކަމާއި އިގުތިސާދީ ދުވެލި ބާރުވަމުން ދިޔަނަމަވެސް، މިހާތަނަށްވެސް ދުނިޔެއަށް މި ބަލިމަޑުކަމުން ފުރިހަމައަށް އަރައިގަނެވިފައި ނުވުމާއި، އިގުތިސާދީ ހިރާސްތައް އަދިވެސް މަތިކޮށް ހުރުމާއި، ކުރު މުއްދަތެއްގެ ތެރޭގައި ޕަބްލިކް ބޭންކް އެކައުންޓް ގެ އޯވަރޑްރޯ ކުރި އަދަދު އަނބުރާ ދެއްކުމަކީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމުގަޔާއި ދައުލަތުގެ ބަޖެޓު ތަންފީޒުކުރުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމެއްކަމަށް މިނިސްޓަރގެ ސިޓީގައި ވިދާޅުވިއެވެ.
ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން ހައްދެއް ނެތި އޯވާޑްރޯ ކުރުމަކީ ނުވަތަ ފައިސާ ޗާޕް ކުރުމަކީ 2013 ގެ ކުރިން ސަރުކާރުތަކުގެ އާންމު އަމަލެކެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް އައުމަށް ފަހު ސަރުކާރު ހިންގަން ބޭނުންވާ ފައިސާ ޗާޕް ކުރުން 2013 ގައި ހުއްޓާލިއެވެ.
އަދި ފައިނޭންސިންގ ހޯދުމަށް ހުރަސްތަކެއް ހުރުމާއެކު، 2022 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެންވެސް ޕަބްލިކް ބޭންކް އެކައުންޓް އޯވަރޑްރޯ ނުކޮށް ކުރިއަށް ދިއުމަކީ އިޤްތިސާދަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށްވެސް އެކަމުގެ ނުރަނގަޅު އަސަރުކުރާނެ ކަމެއްކަމަށެވެ.
ކޮމެންޓު ފޮނުވާ