ދިވެހިރާއްޖެ އާއި އިންޑިޔާ އާއި ދެމެދުގައި ސިއްރުން ހަދާފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރަނީ ކަމަށް ބުނެ، މިނިސްޓްރީ އޮފް ޑިފެންސް ގެ ފަރާތުން 241 ކޮމެޓީ ގައި ދެއްވި ޕެރެސެންޓޭޝަންތަކާ ސިއްރު ކޮށްގެން ދެއްކެވި ވާހަކަ ތަކަކީ ޤާނޫނީ ގޮތުން ބާރު ލިބިފައިނެތް އެއްބަސްވުން ތަކެއްގެ މަތި އޮމާން ކުރުމަށް ކުރެވިގެންދިޔަ ކަމެއްކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
ޢުމަރު ނަޞީރު މިހެން މިވިދާޅުވީ، އިންޑިއާއާއެކު ރާއްޖެއިން ހަދާފައިވާ އަސްކަރީ އެއްބަސްވުމުގައި ރާއްޖޭގެ އިސްތިޤްލާލަށް ބުރޫއަރާފަދަ ކަންކަން ހުރިކަން ހާމަވުމާއި ގުޅިގެންނެވެ.
ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ، ޤާނޫނު އަސާސީގެ 251 ވަނަ މާއްދާގެ (ނ) ގައިބުނާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ ދިވެހިރާއްޖޭގެ އެއްވެސް ސަރަޙައްދެއް އަސްކަރީ ބޭނުމަކަށް ބޭރުގެ ބަޔަކަށް ނުދެވޭނެކަމަށެވެ. ކ.އުތުރު ތިލަފަޅާ، ހދ.ހަނިމާދޫ އާއީ ސ.ގަމާއި، ލ.ކައްދޫ އިން ބަޔެއް އިންޑިޔާގެ އަސްކަރިއްޔާގެ ފަރާތުން މިހާރު ބޭނުން ކުރަމުން ދަނީ އަސްކަރީ ބޭނުމަކަށް ނޫންކަމަށް ސަރުކާރުން މާނަ ކުރައްވާނަމަ އެކަމުގައި އަމަލު ކުރަންވާނީ މަދަނީ މިންގަޑަކުންކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.
އެފަދަ ހާލަތުގައި ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައިވާ މާއްދާގައިވާ ގޮތުގެ މަތިން މިނިވަން ދިމިޤްރާތީ މުޖްތަމަޢެއްގައި އޮންނަންޖެހޭ ގޮތަށް، މި އެއްބަސްވުންތައް ސޮޔާއެކު އޮތްގޮތަށް އާންމުކޮށް ހާމަކުރަން ޖެހޭކަމަށާއި، ޤާނޫނު އަސާސީގެ 16 ވަނަ މާއްދާ އަށް ނުވަތަ 251 ވަނަ މާއްދާ އަށް އަމަލު ކުރަން ޖެހޭކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.
އެހެންކަމުން މި ދެގޮތުން ކުރެ ކޮންމެވެސް އެއްގޮތަކަށް އަމަލު ނުކޮށްވެވޭ ކޮންމެ އެއްބަސްވުމަކީ ޤާނޫނީ އިމުގެ ބޭރުންކުރެވޭ ބާތިލް އެއްބަސްވުން ތަކެއްކަން ޢުމަރުފާހަގަކުރެއްވިއެވެ. އަދި މި އެއްބަސްވުން ތަކަކީ ދެން އަންނަ ވެރިއެއްގެ މައްޗަށް ދެމެހެއްޓުން ލާޒިމްވާނޭ އެއްބަސްވުން ތަކެއް ނޫންކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.
އިންޑިޔާގެ އަސްކަރީ ސިފައިން 2010 ވަނަ އަހަރު ރާއްޖެ އަށް ފޭބުމަށްފަހު މިވީ 11 އަހަރުގެ ތެރޭގައި އުފެދުނު 4 ސަރުކާރަށްވެސް މި ސިފައިން ރާއްޖޭން ފޮނުވާލެވިފައި ނެތްނެތުމަކީ ދިވެހިން ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެއްކަމަށް ޢުމަރު ވިދާޅުވިއެވެ. އަދި އިންޑިޔާގެ ސިފައިން އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލެވޭނީ ދެން އަންނަ ވެރިޔަކީ ފަސްބައި ސާފު، ޖެހިލުންކުޑަ އަދި ވަތަނީ ވެރިޔަކަށްވެގެންކަމަށްވެސް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ