ޒުވާނުންނަށް ރަނގަޅު މަގު ދެއްކިއްޖެނަ، ޤައުމަށް ޚިދުމަތްތެރި ބަޔަކަށް ވެގެންދާނެ ކަމުގައި އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި އައްޑޫ ސިޓީ ކައުންސިލް އިދާރާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ލާމަސީލު ޒުވާނާ" ކޭމްޕް އިފްތިތާހުކޮށް ފަހުމުނާމާގައި ސޮއިކުރުމަށްފަހު ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ ޒުވާނުން ރަނގަޅު ކަންކަމަށް އަދި ނުރަނގަޅު ކަންކަމަށް ފުރޮޅިގެންދާ އެންމެ ނާޒުކު އުމުރަކީ ސްކޫލު ނިންމާ ޒުވާނުން މުޖުތަމައުއަށް ނުކުންނަ އުމުރުކަން ފާހަގަކުރައްވައި، އެއުމުރުގައި ރަނގަޅު މަގު އިހުތިޔާރުކޮށް، ދައްކުވައިދެއްވިއްޖެނަމަ ޒުވާނުންނަކީ ގައުމަށް އަގުހުރި، އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެވޭނެ ޒުވާނުންތަކަކަށް ހެދިގެންދާނެކަމަށް ވިދާޅުވިއެވެ.
އަދި މި ޕްރޮގްރާމުގެ ސަބަބުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ޒުވާނުންނަށް މުހިންމު އަގުހުރި ފިލާވަޅުތަކެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ޕްރޮގްރާމްތައް އިންތިޒާމްކޮށް ހިންގުމަކީ މުއައްސަސާތަކުން ކޮންމެހެން ކުރަންޖެހިފައިވާކަމެއްކަމަށާއި މިކަމަށް އިސްނަގައިގެން މިފަދަ ކޭމްޕެއް އައްޑޫ ސިޓީ ކުރިއަށް ގެންގޮސްދިނުމަށް ނިންމިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް ހުސައިން އިސްމާއިލް ދެއްކެވި ވާހަކަފުޅުގައި ލާމަސީލު ޒުވާނާ ކޭމްޕަކީ ކާމިޔާބު ޕްރޮގްރާމެއްކަމަށާއި މި ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުން ޝައުޤުވެރިކަން ހުރިދިމާތަކުން އެޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ