އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވަރލްޑް ކަޕަށް ފްރާންސާއި ބެލްޖިއަމް ކޮލިފައިވެއްޖެއެވެ.
މި ދެ ޓީމު ވަރލްޑް ކަޕަށް ކޮލިފައިވަނީ ޔޫރަޕުގެ ކޮލިފައިންގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށްގެންނެވެ. ފްރާންސާއި ބެލްޖިއަމްގެ އިތުރުން ދެން ވަރލްޑް ކަޕަށް މިހާތަނަށް ކޮލިފައިވި ގައުމުތަކަކީ މުބާރާތް ބާއްވާ ގަތަރާއި، ޖަރުމަނު އަދި ބްރެޒިލްގެ އިތުރުން ޑެންމާކެވެ.
ވަރލްޑް ކަޕް ކޮލިފައިންގައި ރޭ ފްރާންސުން ވަނީ ކަޒަކްސްތާން އަތުން 0-8 އިން މޮޅުވެފައެވެ. އަދި ބެލްޖިއަމުން ވަނީ 3-1 އިން އެސްޓޯނިއާ ބަލިކޮށްފައެވެ.
ކޮލިފައިންގެ ގްރޫޕް ޑީ ގައި ފްރާންސާއި ކަޒަކްސްތާން ވާދަކުރި މެޗުގައި ފްރާންސުން ޖެހި 8 ލަނޑުގެ ތެރެއިން 4 ލަނޑު ޖެހީ ކިލިއަން އެމްބާޕޭއެވެ. މިއީ ފްރާންސްގެ ޖާޒީގައި އެމްބާޕޭ ހެދި ފުރަތަމަ ހެޓްރިކެވެ. ދެން މި މެޗުގައި ފްރާންސުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖެހި ކަރީމް ބެންޒެމާ އާއި، އޭޑްރިއަން ރަބިއޯގެ އިތުރުން އެންޓޮއިން ގްރީޒްމަނެވެ.
މީގެ އިތުރުން ކޮލިފައިންގެ ގްރޫޕް އީގައި ހިމެނޭ ބެލްޖިއަމް އާއި އެސްޓޯނިއާ ބައްދަލުކުރި މެޗުގެ 11 ވަނަ މިނެޓުގައި ކްރިސްޓިއަން ބެންޓެކޭ ކާމިޔާބުކޮށްދިން ލަނޑު ބެލްޖިއަމުން ވަނީ ލީޑު ނަގާފައެވެ. އަދި ދެވަނަ ހާފް ފަށައިގެން 53 ވަނަ މިނެޓުގައި ޔަނިކް ކަރަސްކޯ ވަނީ ބެލްޖިއަމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ. މި މެޗުގައި އެސްޓޯނިއާ އިން ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ ބެލްޖިއަމުން 2 ލަނޑު ޖެހި ފަހުންނެވެ. އެގޮތުން އެސްޓޯނިއާއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، އެރިކް ސޯގާއެވެ. މި މެޗުގައި ބެލްޖިއަމުން ޖެހި ތިންވަނަ ލަނޑު 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ތޯގަން ހަޒާޑެއެވެ.
ކޮމެންޓު ފޮނުވާ