އިސްލާމިކް މިނިސްޓްރީގައި އިސް މަޤާމުތަކެއް ފުރުއްވާފައިވާ ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު ޤުބާދު އަބޫބަކުރު، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އާއި ގުޅިވަޑައިގެންފިއެވެ.
ރާއްޖޭގައި އެންމެ ފަހުން އުފެދުނު ސިޔާސީ ޕާޓީ އެމްއެންޕީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޢިލްމީ ތަޢުލީމީ އަދި އެކި ފަންނުގެ ބޭފުޅުންނާއި ޢާންމުންގެ ގިނަބަޔަކު އަންނަނީ ގުޅެމުންނެވެ.
އެމްއެންޕީއާއި ޤުބާދު ގުޅިވަޑައިގެންފައިވާއިރު، އޭނާ އަކީ އިސްލާމިކް މިނިސްޓްރީގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ސީނިއަ ޕޮލިސީ އެގްޒެކެޓިވް މަޤާމުވެސް މިދިޔަ ސަރުކާރުގައި ފުރުއްވާފައިވެއެވެ. ގުބާދު ޕީއެޗްޑީ ނެންގެވީ އިސްލާމީ އަގީދާ އާއި މުސްލިމުންގެ ފިކުރު ރައްކާތެރިކުރުމާ ގުޅޭ ގޮތުންނެވެ. ޕީއެޗްޑީ ހެއްދެވީ ތުރުކީގެ ޔުނިވަސިޓީއަކުންނެވެ.
ހުތުބާ ފާސްކުރާ ކޮމިޓީގައި ވެސް ޤުބާދު މަސައްކަތްކުރައްވާފައިވެއެވެ. ގުބާދަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުން ފެށިގެން ފަހުން އައި ކޮންމެ ސަރުކާރެއްގައި ވެސް އިސްލާމިކް މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ