ހަންގޭރީ ސަރުކާރުން ރާއްޖެއަށް 60 ސްކޯލާޝިޕް ފުރުޞަތު ދީފި

ހަންގޭރީ ސަރުކާރުން ރާއްޖެއަށް 60 ސްކޯލާޝިޕް ފުރުޞަތު ދީފި

Author
މުޙައްމަދު ޖިމީ
08 ނޮވެމްބަރ 2021 09:59
0

ހަތަރު އަހަރުދުވަހުގެ ތެރޭގައި ރާއްޖެއަށް، 60 ސްކޮލާޝިޕް ދިނުމަށް ހަންގޭރީ ސަރުކާރުން ނިންމައިފިއެވެ. މި ސްކޯލާޝިޕްތަކުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އިބްރާހީމް ހަސަނެވެ. އަދި ހެންގޭރީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އެންޑް ޓްރޭޑްގެ ސްޓޭޓް ސެކެޓްރީއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ބަދަހިކޮށް، މަތީ ތައުލީމާ ބެހޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމާއި ތައުލީމީ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތް ކުރަން އެކުލަވާލި އެއްބަސްވުމެއްކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން 4 އަހަރު ވަންދެން ކޮންމެ އަހަރަކު ވެސް 15 ސްކޮލާޝިޕް ހަންގޭރިން ރާއްޖެއަށް ދޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފުރަތަމަ ޑިގްރީގެ 6 ފުރުސަތާއި، މާސްޓާސް ޑިގްރީގެ 7 ފުރުސަތާއި ޕީއެޗްޑީގެ 2 ފުރުސަތުކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. މި ސްކޮލަރޝިޕްތަކުގެ ތެރޭގައި އެގްރިކަލްޗާ ސައިންސް، އާޓްސް އެންޑް ހިއުމެނިޓީޒް، ސޯޝަލް ސައިންސް، ޓީޗިން ޓްރެއިނިން އާއި ސްޕޯޓް ސައިންސް އަދި ނޭޗަރަލް ސައިންސް ފަދަ ދާއިރާތަކުން ކޯސްތަކެވެ.

މި އެއްބަސްވުމާއެކު  ސްކޮލާޝިޕްތަކަށް ހޮވޭ ދަރިވަރުންގެ ދެކޮޅު ޓިކެޓް ފިޔަވައި ހުރިހާ ހަރަދެއް ހަމަޖައްސާނީ ހަންގޭރީގެ ސަރުކާރުންކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. ދިވެހި ސަރުކާރުން ދޭނީ ހަމައެކަނި އެ ދަރިވަރުގެ ދެކޮޅު ޓިކެޓްކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.