ޑައިރެކްޓަރ ރޯހިތު ޝެއްޓީގެ ކޮޕް ޑްރާމާ ސީކުއަލްގެ ފިލްމު ތަކުގެ އެންމެ ފަހު ފިލްމު ރިލީޒްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
"ސޫރްޔަވަންޝީ"ގެ ނަމުގައި ތައްޔާރުކޮށްފައިވާ މި ފިލްމުގައި ސުޕަސްޓަރ އަކްޝޭ ކުމާރު ފެނިގެންދަނީ ސޫރްޔަވަންޝީ ކިޔާ ވަރުގަދަ ފުލުހެއްގެ ރޯލުންނެވެ. އޭގެ އިތުރުން ފިލްމުގައި ހާއްސަ ފެނިލުމަކުން ރޯހިތުގެ ކޮޕް ސީކުއަލްތަކުގައި ފެނިގެންދާ ސިންގަމްގެ ކެރެކްޓަރ އާއި ސިމްބާގެ ކެރެކްޓަރވެސް ފެނިގެންދެއެވެ.
ފިލްމު ސިނަމާތަކުގައި އެޅުވުމަށްފަހު މި ފިލްމުގެ މިއުޒިކް ރައިޓްސް ގަނެފައިވާ ޓީސީރީޒުން ގެންދަނީ ފިލްމުގެ ލަވަތަށް އެމީހުންގެ ޔޫޓިބު ޗެނަލުގައި އާންމުކުރަމުންނެވެ. މީގެތެރެއިން އެންމެ ބޮޑަށް އާންމުންނާއި ބޮލީވުޑްގެ ތަރިންގެވެސް ސަމާލުކަމަށް އައީ އެފިލްމުގައި ހިމަނާފައިވާ "ޓިޕް ޓިޕް ބަރްސާ ޕާނީ" ލަވައިގެ ރިމިކްސްއެވެ. ފިލްމުގެ ލީޑު ތަރިން ކަމަށްވާ އަކްޝޭ އާއި ކެޓްރީނާ ކައިފް ފެނިގެންދާ މި ލަވައަށް އެތައް ބައެއްގެ ތައުރީފް ދަނީ އޮހެމުންނެވެ.
"ޓިޕް ޓިޕް ބަރްސާ ޕާނީ"ގެ އަސްލު ލަވައަކީ 1994 ވަނަ އަހަރުގެ ބްލޮކްބަސްޓަރ ފިލްމް "މޮހޮރާ"ގެ ލަވައެކެވެ. އޮރިޖިނަލް ލަވާގައިވެސް ފެނިގެންދަނީ އަކްޝޭއެވެ. އަކްޝޭ އާއެކު އެލަވާގައި ފެނިގެންދިޔައީ އެ ފިލްމުގެ ލީޑް އެކްޓްރެސް ރަވީނާ ޓަންޑަން އެވެ.
ރިމިކްސްގައިވެސް އިވިގެންދަނީ މީގެ އޮރިޖިނަލް ލަވަ ކިޔާފައިވާ އަލްކާ ޔަގްނިކާއި އުދިތު ނާރަޔަންގެ އަޑެވެ. ނަމަވެސް ޒަމާނީ މިއުޒިކާއެކު ރިމިކްސް ލަވަ ގެނެސްދީފައި ވަނީ މިހާރުގެ ޒުވާނުންނަށްވެސް ކަމުދާ ގޮތަކަށެވެ. އަދި ހަމަ އެހެންމެ މި ލަވާގައި އޮރިޖިނަލް ލަވައިން ފެނިގެންދިޔަ ފީލްގެ ނެށުންތަކެއް ގެނެސްދިނުމަށް ރޯހިތު މަސައްކަތްކޮށްފައި ވާއިރު ލަވަ އާންމުކުރުމާއެކު ކެޓްރީނާ އާއި ރަވީނާގެ ނެށުމާއި ހުނަރުވެރިކަމާއި ރީތިކަމަށް ގިނަ ބަހުސްތަކެއް ވަނީ ފެށިފައެވެ.
މި ލަވަ ޔޫޓިއުބަށް ދޫކޮށްލިތާ 2 ދުވަސްތެރޭ 29 މިލިއަނަށްވުރެ ގިނަ ވިއުސް ލަވަޔަށް ވަނީ ލިބިފައެވެ.