ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ދައްކުވައިދޭ އެންމެ މުހިންމު ބިނާއަކީ އިސްލާމީ މަރުކަޒު

ރާއްޖެ އިސްލާމްވި ދުވަސް: މަކަރުވެރިންގެ ރޭވުންތަކުން މިދީބު ސަލާމަތް ކުރައްވާށި!

ރާއްޖެ އިސްލާމްވި ދުވަސް: މަކަރުވެރިންގެ ރޭވުންތަކުން މިދީބު ސަލާމަތް ކުރައްވާށި!

ގުޅުންހުރި

އެންމެ ފުރަތަމަވެސް ރާއްޖެ އިސްލާމްވި ކަމުގެ މައްޗަށް ﷲ އަށް ފަށްފަށުން ނިމުމެއް ނެތް ޙަމްދާއި ޝުކުރު ދަންނަވަމެވެ. މި ދީބުގެ އަހުލުވެރިންނަށް އެކަލާނގެ އެއްކައުވަންތަ ކޮށް، ހަމަ އެކަނި އެކަލާނގެއަށް އަޅުކަންކުރުމުގެ މަތިވެރި ހިދާޔަތު ދެއްވިކަމީ މިދީބަށް އެކަލާނގެ ދެއްވި އެންމެ ބޮޑު ނިއުމަތެވެ!

ޝައްކެއްނެތެވެ! ﷲ ގެ ޙަޟްރަތުގައި ދީނަކީ އިސްލާމްދީނެވެ. ދުނިޔޭގެ ވަގުތީ ގޮވަތިން އާޚިރަތުގެ ދާއިމީ ގޮވައްޗަށް ކޮންމެ ނަފްސެއްމެ ދަތުރުކުރާނެކަމީ ޔަޤީންކަމެކެވެ. ވީއިރު އެ ގޮވަތީގައި ސަލާމަތުގެ އައްސޭރިއަށް ދަތުރުކުރެވޭނެ ކަމުގެ އެންމެ ކުޑަ އުންމީދުވެސް އޮތީ ﷲ ގެ ދީންމަތީގައި މަރުވެއްޖެ މީހަކަށެވެ.

މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުތަކާ މެދު ވިސްނަވާށެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. (وَمَن يَبۡتَغِ غَيۡرَ ٱلۡإِسۡلَٰمِ دِينٗا فَلَن يُقۡبَلَ مِنۡهُ وَهُوَ فِي ٱلۡأٓخِرَةِ مِنَ ٱلۡخَٰسِرِينَ) آل عمران ٨٥ މާނައީ: "دين އެއްގެ ގޮތުގައި إسلام دين ނޫން دين އެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبول އެއް ނުކުރައްވާ ހުށްޓެވެ. އަދި، آخرة ގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."

އަދިވެސް ވަޙީކުރެއްވިއެވެ. (إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلۡإِسۡلَٰمُۗ وَمَا ٱخۡتَلَفَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ إِلَّا مِنۢ بَعۡدِ مَا جَآءَهُمُ ٱلۡعِلۡمُ بَغۡيَۢا بَيۡنَهُمۡۗ وَمَن يَكۡفُرۡ بِـَٔايَٰتِ ٱللَّهِ فَإِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ) آل عمران ١٩ މާނައީ: "ހަމަކަށަވަރުން، اللَّه ގެ حضرة ގައި، دين އަކީ، إسلام دين އެވެ. އަދި، ފޮތް ލިބުނުމީހުން އެއުރެންނަށް (حق ގޮތް) އެނގުމަށްފަހުގައި މެނުވީ، އެއުރެން خلاف ވެއެއް ނުގަނެތެވެ. (އެއީ) އެއުރެންގެ މެދުގައިވާ حسد ވެރިކަމުގެ ގޮތުންނެވެ. اللَّه ގެ آية ތަކަށް كافر ވާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، حساب ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ."

ބޭފުޅުންނޭވެ! ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާތީވެ، އަދި މިތާނގައި ކާފިރުންނަށް ސިޓިޒަންޝިޕް ނުދޭތީވެ، އެކަމާ ރުޅިއައިސް މޭބޮޑުކުރާ ބަޔަކު އެބަ އުޅެއެވެ. އިސްލާމްކަންމަތީ މި ރާއްޖެ އޮންނާތީވެ އެތެރެޔާ ބޭރުން އަދު މިދަނީ ފިއްތުންތައް އިތުރުވަމުންނެވެ. އަދި އެކަމަށް ވަކާލާތު ކޮށް މިދީބުގެ އަހުލުވެރިން ދީނުން އެކީ ނެރެލައްޖައުމަށް ދާންދެން އެފަދަ މީހުން މަޑުން ނުތިބޭނެއެވެ.

މިއީ އަޅުގަނޑުމެން ކޮންމެހެންވެސް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ! އެފަދަ ބަޔަކު އެންމެ ފުރަތަމަ ކުޅޭނީ އިސްލާމީ ޙުކުމްތަކާއެވެ. ދީނުގެ ޙުކުމްތަކުން ފަހަރަކު ޙުކްމެއް ފަހަރަކު ޙުކްމެއް ނައްތާލަމުން ދިޔުމުން ދެން ބޭރުން އޮންނާނީ އިސްލާމްކަމުގެ ތޮށިގަނޑު އެކަންޏެވެ. އެތެރޭގައި އީމާންކަމެއް ދީނަށް އޮންނަން ޖެހޭ ލޯތްބެއް ދީނުގެ ޝިޢާރުތަކެއް ނުވާނެއެވެ. މިއީ އެމީހުން ފޮލޯ ކުރަމުންދާ ސްޓްރެޓެޖީތަކެވެ.

ސީދާ ތިޔަބައިމީހުން ކާފިރުވާށޭ ބުނެގެން ނުވާނެކަން އެބައިމީހުން ދަނެއެވެ. މިހެންވެ އެބައިމީހުންގެ ގޭމްޕްލޭން ބަދަލުކޮށްފައިވަނީ ދީނުގެ އަސާސްތަކާމެދު ޝައްކާއި ވަޙުމް އުފެއްދުމުގެ މައްޗަށެވެ. ފަހަރަކު ފިޔަވަޅެކެވެ. ވަރަށް ޙީލަތްތެރިއެވެ.

ބޭފުޅުންނޭވެ! އަޅުގަނޑުމެންގެ ކާބަފައިން ވަނީ މިދީން ޙިމާޔަތްކުރުމަށް ނުހަނު ގިނަގުނަ ގުރްބާނީތައްވެފައެވެ. އަދި އެގޮތުން އެތައް ދަލެއް އޮހޮރުވައިގެން އަޅުގަނޑުމެންނާއި ހަމައަށް މިދީން ފޯރުކޮށްދިނުމުގެ ބޮޑު މަސްއޫލިއްޔަތު އެބޭފުޅުންވަނީ އަދާކޮށްފައެވެ. ދެން އޮތީ އަޅުގަނޑުމެންގެ ޒިންމާއެވެ. އަޅުގަނޑުމެން ދީނަށް އިޙްތިރާމް ކުރުމެވެ. ދީނުގެ އަސާސްތައް ނެގެހެއްޓުމެވެ. އަދި އެގޮތުގެ މަތިން އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކުރުމެވެ.

މިއަދު ކުދިން އެމާއްދާއަކާ ދުރު މާއްދާއަކަށް އިސްލާމް ވެއްޖެއެވެ. އެފިލާވަޅުތަކެއް ދަސްކުރާހިތްނުވާ ފޫހި ފިލާވަޅުތަކެއް ކަމުގައި އިސްލާމް ފިލާވަޅުތައް ވެއްޖެއެވެ. ވަރަށް ދެރައެވެ. އަޅުގަނޑުމެންގެ ޒިންމާ އަދަަކުރިން ހެއްޔެވެ؟! އެކުދިންނަށް މިވާގޮތް ވިސްނައި އެކަން އިޞްލާޙުކުރުމަށް މަސައްކަތްކުރެވުނު ހެއްޔެވެ؟! ނުވަތަ ކުރެވޭ ހެއްޔެވެ؟!

ހައްތާވެސް ސުވާލެވެ. އަމިއްލަ ނަފްސާ ކޮންމެ ބޭފުޅަކުވެސް ސުވާލުށްލައި އިސްލާޙުކުރުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވިފައެވެ. ވާހަކަ މާދިގުވެއްޖެހެން ހީވެއެވެ. މައުޟޫގެ މުހިންމުކަން ބޮޑުކަމުން މިވާހަކަކޮޅު ޙިއްސަަކޮށްލެވުނީ އެވެ.

ދުޢާ އަކީ މަކަރުވެރިންގެ ރޭވުންތަކުން މިދީބާއި، މިދީބާގެ އަހުލުވެރިން ސަލާމަތްކުރައްވައި، ރާއްޖެ އިސްލާމްކަންމަތީ ތާއަބަދަށް ލެއްވުމެވެ! ޔާރައްބުއެވެ! އިޖާބަކުރައްވާށި! އާމީން.

އެޑިޓަރުގެ ނޯޓް: މިއީ ރާއްޖެ އިސްލާމްވީ ދުވަހަށް ޚާއްސަކޮށް، ދިވެހިންނަށް ލިބިފައިވާ އެންމެ މަތިވެރި ނިޢުމަތް ކަމުގައިވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ މައްޗަށް އަލިއަޅުއްވާލައްވާ، އައްޝައިޚް ޢަލީ ޒައިދު ތައްޔާރު ކުރައްވާފައިވާ ކުރު ލިޔުންކޮޅެކެވެ! ޝައިޚް ޢަލީ ޒައިދަކީ ގައުމީ ޔުނިވަރސިޓީގެ ލެކްޗަރާއެއްގެ އިތުރުން، ދީނީ އިޖްތިމާޢީ އަދި އަޚްލާޤީ އެކިއެކި ކަންކަމުގައި އަގުހުރި ދަރުސް ތަކެއް ދެއްވާ ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ