އއ.މަތިވެރީގައި ހުންނަ ޖާބިރުގެ ގެސްޓުހައުސްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ޖާބިރުގެ ދެ ކޮއްކޮ ހައްޔަރު ކޮށްފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ، މަތިވެރީގައި މީހަކަށް ހަމަލާދިން މައްސަލާގައި 31 އަހަރުގެ ދިވެހި ފިރިހެނަކާއި 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ ޖާބިރުގެ ދެ ކޮއްކޮއިން ކަމުގައިވާ އަލީ އަސްރާރު އާއި މުހުލިސް އަބްދުލް އަޒީޒު (ހުތާ) އެވެ.
މިދެމީހުން ހައްޔަރު ކޮށްފައިވާއިރު މިއަދު ޖާބިރުގެ ގެސްޓު ހައުސްގައި ވަނީ އަލިފާނުގެ ހާދިސާއެއްވެސް ހިނގާފައެވެ. މަތިވެރީގައި ހުންނަ ޖާބިރުގެ ގެސްޓްހައުސް ކާޒާމިއާ ހިންގުމާއި ހަވާލުވެ ތިބި ދެމީހުން ހަމަލާ ދީފައިވަނީ އެ ގެސްޓު ހައުސްއަަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލުކުރުމަށް ގެސްޓް ހައުސްއަށް ދިޔަ، މަތިވެރީގައި ދުރިއުޅޭ މާލޭއަށް ނިސްބަތްވާ މީހެއްގެ ގައިގައެވެ.
ކާޒާ މިއާއަކީ ޖާބިރު މަތިވެރީގައި ހިންގަމުން އަންނަ ގެސްޓްހައުސް އެކެވެ. އެތަނުގެ ބިމު ކުއްޔަށް ދައްކަން ޖެހޭ 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖާބިރު ނުދައްކަވާ އުޅުއްވާ މައްސަލައާ ގުޅިގެން ޖާބިރު އާއި މަތިވެރީ ކައުންސިލުގެ މެދުގައި ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ. މީގެ މަސް ދުވަސް ކުރިން ވެސް ޖާބިރާ ދެކޮޅަށް މަތިވެރީގައި މުޒާހަރާ ކުރި އެވެ. އެންމެ ފަހުން އޭނާ ރަށުން ފައިބަން ޖެހުން ޕޮލިހުންގެ ހިމަޔާތުގައެވެ.
ކޮމެންޓު ފޮނުވާ