އިންޑިއާގައި މިދުވަސްކޮޅު ފާހަގަކުރަމުންދާ ހިންދޫއިންގެ ފެސްޓިވަލް ދިވާލީ ފާހަގަ ކުރުމުގެ ގިނަ ފޮޓޯތައް މަޝްހޫރު ތަރިން ގެންދަނީ އާދައިގެ މަތިން ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.
އާއިލާ އާއި ރައްޓެރިންނާއެކު މިދުވަސް ފާހަގަކުރުމުގެ ފޮޓޯތައް ކޮންމެ އަހަރަކުވެސް ތަރިން ހިއްސާކުރާއިރު މިއަހަރު އެންމެ ބޮޑު ސަމަލުކަމެއް ލިބުނު އެއް ފޮޓޯއަކީ ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރުގެ ހަގު ދަރިފުޅު ޖެހް އުރާލައިގެން، ޖެހްގެ ބޮޑުދައިތަ އަދި ކަރީނާގެ ދައްތަ ކަރިޝްމާ ކަޕޫރު އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯއެވެ.
މިއަހަރުގެ ފެބްރުވަރީ މަހު ޖެހް އުފަންވީފަހުން މިހާތަނަށް އޭނަގެ މޫނު އެންމެ ސާފުކޮށް ރީތިކޮށް ފެންނާނެހެން އާންމުކުރި ފޮޓޯއަކީ މިއީއެވެ. ފޮޓޯ ހިއްސާ ކުރަމުން ކަރިޝްމާ ބުނެފައިވަނީ " މަގޭ ޖޭ ބާބާ އާއެކު ވަރަށް ހާއްސަ ދިވާލީއެއް" ކަމަށެވެ.
ކަރިޝްމާގެ މިފޮޓޯއަށް ގިނައަދަދެއްގެ ބޮލީވުޑް ތަރިން ގެންދަނީ ކޮމެންޓްކުރަމުންނެވެ.
މީޑިއާ އާއި ޕަޕަރާޒީންނަށްވެސް މިހާތަނަށް ވަރަށް ބޮޑަށް ފޮރުވައިގެން ގެންގުޅުނު ޖެހް ފެންނަ ފޮޓޯތައް ފަހަކަށް އައިސް ގެންދަނީ އެއާއިލާގެ އެކި މެމްބަރުން ހާމަކުރަމުންނެވެ. އެގޮތުން ޖެހްގެ ބައްޕަ ސައިފް އަލީ ޚާންގެ އުފަންދުވަހު ޖެހްގެ އެއްބަފާ ދައްތަ ސާރާ އަލީ ޚާން އާންމުކުރި ފޮޓޯއާއި ސައިފްގެ އުފަންދުވަހު ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ތެރެއިން ކަރީނާ އާންމުކުރި ފޮޓޯއާއި، މި ދިވާލީ އާއި ގުޅިގެން ކަރީނާ އާންމުކުރި އޭނާގެ ކުޑަ އާއިލާގެ ފޮޓޯ ފާހަގަކޮށްލެވެއެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު ކަރިޝްމާ އާންމުކޮށް ފިލްމީ ދާއިރާއާއި ދުރުގައި އުޅޭތާ ގިނަދުވަސްތަކެއް ވެފައި ވާއިރު އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ 2012 ވަނަ އަހަރު "ޑޭންޖަރަސް އިޝްގް" އިންނެވެ.
ކަރީނާގެ ކުރިއަށް އޮތް ފިލްމަކީ އާމިރް ޚާނާއެކު ކުޅެފައިވާ ފިލްމު "ލާލް ސިންގ ޗައްޑާ" އެވެ. އަދި ސައިފް އެންމެ އަވަހަށް ފެންނާނީ މިމަހުގެ 19 ވަނަ ދުވަހު އަޅުވާ "ބަންޓީ އޯރް ބަބްލީ-2″ އިންނެވެ.