ނަސްރުގެ ދުވަހާއި ކުރިމަތިލާއިރު، ޤައުމު އޮތީ ބޭރު ބައެއްގެ އުނގަށް ވެއްޓިފައި ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 3 ނޮވެމްބަރ 1988 ވީ ބުރާސްފަތި ދުވަހު މިޤައުމު ޚާއިނުންގެ ބައެއްގެ އަތްދަށަށް ދިޔުމުގައި ހުރަހެއްގެ ގޮތުގައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރެއްވި ބަޔަކީ، މާތްވެގެންވާ އިސްލާމް ދީނާއި ޤައުމުގެ މިނިވަންކަމުގެ ދިފާޢުގައި ފުރާނައިން ޤުރުބާންވުމަށް ޢަޒުމް ކަނޑައަޅައިގެން ތިބި ހިތްވަރުގަދަ ކެރޭ ދިވެހި ސިފައިންގެ ލަޝްކަރުކަމަށެވެ.
ދިވެހި ސިފައިން އެދުވަހުވީ މަތިވެރި ޤުރުބާނީއާއި އަގުހުރި ޖިހާދުގެ ހަނދާން އައުކޮށް، އެދުވަހު ޤައުމު ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ޤައުމީ އެންމެހާ ބަޠަލުންނަށް އައްސަރިބަހާއި ޝުކުރު އަރިސްކުރާކަމަށެވެ. ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅުގައްޔާއި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕާއި ޖޮއިންޓް ކައުންސިލާއި ސްޓިއަރިންގ ކޮމިޓީތަކުގެ މެންބަރުންގެ ފަރާތްޕުޅުން ވަނީ އަރިސްކޮށްފައެވެ.
މިފަހުގެ ތާރީޚެއްގައި މިޤައުމުގެ މިނިވަން ގެއްލިގެން ހިނގައިދާނެ ނުރައްކާތެރި އުދުވާނީ ހަމަލާއެއް ޤައުމަށް ކުރިމަތިވި ވަގުތު މިޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އަދުގެ ޖީލާއި ހަމައަށް ޤައުމު ވާސިލުކޮށްދީފައި ވަނީ ދިވެހި ދަރީންތަކެއްގެ ލޭ މިފަސްގަނޑަށް އޮހޮރާލައިގެން ވީ މަތިވެރި ޤުރުބާނީއަކާއެކު. އެއީ އެދުވަހުގެ ހަމަލާއާއި ކުރިމަތިލީ ދިވެހި ސިފައިންގެ ޠާހިރު ލޭ. އޭގެ ތެރޭގައި އެންމެ މަތިވެރި ޤުރުބާނީއެއް ވެވަޑައިގެންނެވި އެއްބޭކަލަކީ މިޖީލުގެ ބަޠަލު ހދ. ކުޅުދުއްފުށީ މާވާގޭ ޝަހީދު ކޯޕްރަލް ޙުސައިން އާދަމް. ސިފައިންގެ މައި މަރުކަޒުގެ ތެރެއަށް ޚާއިނުން ވަނަ ނުދީ އެމީހުން ހިފެހެއްޓި ހިފެހެއްޓުމުން އެކަނިވެސް ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ކުޅަދާނަކަމާއި، ކެރުންތެރިކަމާއި، ހިތްވަރު ގަދަކަން ވަނީ ސާބިތުކޮށްދީފަ. ހަމައެއާއެކު ޙުސައިން އާދަމްގެ ފަހަތުން ސިފައިންގެ ތެރެއިންނާއި ބޭރުން ހުރިހާ ގޮތަކުން ޙަރަކާތްތެރިވެވަޑައިގެންނެވި އެންމެހާ ސިފައިންގެ ހިތްވަރު ގަދަކަން ވަނީ އެދުވަހު ސާބިތުކޮށް ދީފަ.
– ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.
މީގެ 33 އަހަރު ކުރިން ބަޑި ހިފައިގެން ރާއްޖެ އަރާ ޤައުމުގެ މިނިވަންކަން ނަގާލަން ބަޔަކު މަސައްކަތް ކުރި ގޮތަށް ނޫންނަމަވެސް، މިއަދު މިވަނީ މިޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ގެއްލުން ވާނެ އެތައް ކަމަކާއި ކުރިމަތިލާންޖެހިފައިކަމަށް މިބަޔާނުގައި ބުނެފައިވެއެވެ. ރާއްޖޭގެ ހަރު މުދާ ވިއްކާ، އަޑި ނޭނގޭ ގޮތްގޮތަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވަމުންދާ އެއްބަސްވުނަތަކުގެ ސަބަބުން ޖެހެމުންދާ ދަންތުރަތަކާއި، އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި ވަޒަންވެރިވެ ތިބެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުން ގެންދާ ގެންދިއުން ފަދަ އެތައް ކަމަކުން ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ހިތަށްވެސް ގެންނާން ނޭނގޭ ފަދަ ގެއްލުންތައް ދަނީ ކުރިމަތިވަމުންކަމަށް ވަނީ ބުނެފައެވެ.
އެކަންކަމުގެ ސަބަބުން ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ގެއްލި ބޭރު ބައެއްގެ އުނގަށް ޤައުމު ވަނީ ވެއްޓި ހުސްވެފައިކަމަށާއި، އެހެންކަމުން ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ނަގަހައްޓާ ދަމަހައްޓާ، އަންނަން އޮތް ޖީލާ ހަމައަށް ޤައުމު ވާސިލުކޮށްދިނުމަށް 1988 ނޮވެމްބަރު 3 ވަނަ ދުވަހު ޤުރުބާންވީ ފަދަ ޙުސައިން އާދަމްއަކަށް، އެދުވަހު ޤައުމީ ރޫޙުގައި ނުކުތް ދިވެހި ސިފައިން ފަދަ ޤައުމީ ލޭ ހިނގާ ދިވެހި ދަރީން ތަކަކަށް ޤައުމު ވަނީ ބޭނުންވެފައިކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.