ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ މީހާ ދޫކޮށްލީ، ވަށައިގެންވާ އެންމެހާ ކަންކަމަށް ބެލުމަށްފަހު: ޕީޖީ އޮފީސް

ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ މީހާ ދޫކޮށްލީ، ވަށައިގެންވާ އެންމެހާ ކަންކަމަށް ބެލުމަށްފަހު: ޕީޖީ އޮފީސް

Author
މުޙައްމަދު ޝަޒައިމް
02 ނޮވެމްބަރ 2021 08:53
0

ގަލޮޅު ސްކޫލުގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރިމީހާ ދޫކޮށްލީ މިވަގުތުގައި ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް ނެތުމުންކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައިގެ ތުހުމަތު ކުރެވޭ މީހާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންކަމަށް ޕީޖީ އޮފީހުން ލަފާ ދެއްވާފައިވާތީ، ތުހުމަތު ކުރެވޭ މީހާ ވަނީ ބަންދުން ދޫކޮށްލާފައިކަމަށެވެ. ނަމަވެސް މައްސަލަ ތަހުގީގް ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިމީހާ ދޫކޮށްލަން ނިންމި ސަސަބާއި ގުޅޭގޮތުން ޕީޖީ އޮފީހުން ވިދާޅުވީ މި މައްސަލައިގައި ޕީޖީ އޮފީހަށް މިހާތަނަށް ހުށަހެޅުނު ލިޔުންތަކާއި، ލިބިފައިވާ މަޢުލޫމާތުތަކާއި ވަށައިގެންވާ އެންމެހާ ކަންކަމަށް ރިޢާޔަތްކޮށް ބެލިއިރު، މައްސަލާގައި ތުހުމަތުކުރެވޭ މީހާ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މައްދާގެ ދަށުން، ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް މިވަގުތު އޮތް ކަމަށް ނުފެންނަކަމަށެވެ.

މި މައްސަލާގައި ހައްޔަރުކުރީ އުމުރުން 63 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި މީމީހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންކަމަށްވެސް ރޭގެ ވަގުތެއްގައެވެ. މި މައްސަލާގައި ހައްޔަރު ކުރި މީހާ ދޫކޮށްލާފައިވާއިރު، އެ ސްކޫލްގެ ހުރިހާ އަންހެން މަސައްކަތު މުވައްޒަފުން ތިބީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ސަސްޕެންޑްކޮށްފައެވެ.

މި މައްސަލަ ފެންމަތިވުމުން އެ ސްކޫލުން ބުނީ އެ ކުއްޖާ ފާހާނާއަށް ގެންދަން ހަވާލުކުރީ މަސައްކަތު މީހަކާއި ކަމަށް އެ ކުއްޖާގެ އާންޓީ ބުނާކަމަށެވެ. އެހެންނަމަވެސް އެއީ ކޮން މުވައްޒަފެއްކަން ހަނދާން ނެތްކަމަށް އާންޓީ ބުނާކަމަށްވެސް އެ ސްކޫލުން ވަނީ ބުނެފައެވެ. މި މައްސަލަ ފެންމަތިވުމުން ގަލޮޅު ސްކޫލުން އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެން އެ ސްކޫލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓީޗަރުންގެ ބެލުމުގެ ދަށުން ދަރިވަރުން ފާހާނާއަށް ފޮނުވަންޖެހޭ ގޮތަށް ހަމަޖައްސާފައިވާކަމަށެވެ. އަދި ސްކޫލްގެ އެކި ސަރަހައްދުގައި 18 ސީސީޓީވީ ކެމެރާ ހަރުކޮށް މޮނީޓަރ ކުރަން ފަށާފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.