އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމު ކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް ބޭނުންކޮށްގެން ކޭބަލް ޓީވީގެ ހިދުމަތްތައް ދިނުމަށް އެ ކުންފުންޏާއި މީޑިއާ ނެޓާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އޯޕަން އެކްސެސް ނެޓްވޯކަކީ ޑިޖިޓަލް އިންސްފްރާސްޓްރަކްޗާއެއްގެ މައިގަނޑު ވިއުގާ އެވެ. އެ ނެޓްވޯކް މެދުވެރިކޮށް، އިންޓަނެޓާއި ޓީވީގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް އެއް ވިއުގައަކުން ހިދުމަތް ދެވޭނެއެވެ. އެޗްޑީސީން ބުނީ މީޑިއާ ނެޓާއެކު ވި އެއްބަސްވުމުގެ ސަބަބުން ހިދުމަތް ދިނުމަށް ހޭދަވާ ހަރަދު ކުޑަވެ، ހިދުމަތުގެ އަގު ކުޑަވާނެ ކަމަށެވެ. އަދި އެއްވެސް ދަތިކަމެއް ނެތި އަވަހަށް ގިނަ ހިދުމަތްތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެޗްޑީސީން ބުނިގޮތުގައި މިފަދަ ހިދުމަތްތަށް ދޭ ފަރާތްތަކުން އެއްވިއުގާއެއް ހިއްސާ ކުރުމުން އެކި ސަރަހައްދުތަކުގެ މަގު ކޮނުން ފަދަ ދަތިވާ ކަންކަން ކުރުން ވެސް ވަރަށް ބޮޑަށް މަދުކުރެވޭނެއެވެ.
އެޗްޑީސީން ދެކޭ ގޮތުގައި އެ ކުންފުނީގެ މި ޒަމާނީ ފައިބާ ވިއުގައިގެ މައްޗަށް ގާއިމު ކޮށްފައިވާ އިންފްރާސްޓްރަކްޗާގެ ސަބަބުން މުޖުތަމައަށް ބޭނުންވާ ފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިލުވުމަށް ވެސް ފަސޭހަވާނެއެވެ. އަދި މީގެ ފައިދާތަކާއި ތަފާތު ލުއި ފަސޭހަތައް ހުޅުމާލޭގައި އުޅޭ އާންމުންނާއި ވިޔަފާރިތަކަށް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.