ޖަޕާނުގައި މިއަދު ބޭއްވިގެންދިޔަ އާންމު އިންތިޚާބު، ހަނިގޮތަކަށް މިހާރުވެސް ވެރިކަން ކުރާ އެލްޑީޕީގެ ކޯލިޝަންއިން މެޖޯރިޓީ ދަމަހައްޓައިފިއެވެ.
އެހެންނަމަވެސް، ވެރިކަން ކުރާ އެލްޑީޕީގެ ލީޑަރޝިޕާ ދާދި ދަހުން ހަވާލުވެ ވަޑައިގެންނެވި ކިޝިޑާގެ ލީޝަޕްގައި އެލްޑީޕީ ކުރިމަތިލީ ފުރަތަމަ އިންތިޚާބުގައި އެލްޑީޕީއަށްވަނީ، ކުރީ އަހަރުތަކާ އަޅާބަލާއިރި ގާނޫނުހަދާ މަޖިލީހުގެ ގިނަ ގޮޑިތައް ގެއްލިފައެވެ.
ޖަޕާނުގެ ގާނޫނުހަދާ މަޖިލިހަށް މެމްބަރުން އިންތިޚާބު ކުރުމަށް މިއަދު ބޭއްވުނު އާންމު އިންތިޚާބުގެ ނަތީޖާގެ ބޮޑުބައެއް މިހާތަނަށް އާންމު ކުރެވިފައި ވާއިރު، ވެރިކަންކުރާ އެލްޑީޕީއަށް އެޕާޓީން މިހާތަނަށް ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގައި ދަމަހައްޓަމުން އައި މެޖޯރިޓީ ދެމެހެއްޓިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
އެހެންނަމަވެސް، އެޕާޓީން ކޯލީޝަން ހަދާފައިވާ ކުޑަ ޕާޓީއަކަށް ލިބިފައިވާ މަދު ކޮނޑިކޮޅަކާއެކީ ޕާލަމެންޓް މެޖޯރިޓީ ހަނިގޮތަކަށް ލިބިގެދާނެކަން މިހާތަނަށް އާންމު ކޮށްފައިވާ ނަތީޖާއިން ވަނީ ޔަގީން ކުރެވިފައެވެ.
މިގޮތުން ވެރިކަން ކުރާ އެލްޑީޕީއަށް ގާނޫނުހަދާ މަޖިލިހުގެ 212 އާއި 255 އާއި ދެމެދުގެ އަދަކަށް ގޮޑިތައް ކާމިޔާބު ކުރެވޭނެކަމަށް ވަނީ ބެލެވިފައެވެ. ގާނޫނުހަދާ ަމޖިލިހުގައި ސިމްޕަލް މެޖޯރިޓީ ހޯދުމަށް ބޭނުންވަނީ 233 ގޮޑިއެވެ.
މި އިންތިޚާބު ބެލެވިފައިވަނީ، ފާއިތުވެދިޔަ ސެޕްޓެމްބަރުމަހު ވެރިކަން ކުރާ އެލްޑީޕީގެ ލީޑަރޝިޕަށް އިންތިޚާބު ވެވަޑައިގެން، ޖަޕާނުގެ ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވި ފުމިއޯ ކިޝިޑާއަށް ކުރިމަތިލައްވަން ޖެހިވަޑައި ގަންނަވާނެ ވަރަށް ބޮޑު އިމްތިޙާނަކަށެވެ. އަދި ހަމައެއާއެކު، ސަރުކާރަށް، ޖަޕާނުގައި ކޯވިޑް ހާލަތަށް އެދެވޭ ހެޔޮ ބަދަލުތަކެއް ގެނެވިފައި ނުވާތީ، އެލްޑީޕީއަށްވެސް މިއިންތިޚާބު ވެގެން ގޮސްފައިވަނީ ވަރަށް ބޮޑު އިމްތިޙާނަކަށެވެ.

ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމަށްފަހު، ޖަޕާނުގެ ފަގީރު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކިޝިޑާ ތަންފީޒު ކުރައްވަން މަސައްކަތް ކުރައްވަމުންގެންދަވާ ސިޔާސަތު ތަކަށާއި، އަސްކަރިއްޔާއަށް ކުރާ ޚަރަދުތައް އިތުރުކޮށް، އަދި ޗައިނާއާއި ދެކޮަޅަށް ގެންގުޅުއްވަން ފަށްޓަވާފައިވާ ހަރުކަށި ސިޔާސަތުތަކަށްވެސް މިހާރުވެސް ގާނޫނުހަދާ މަޖިލީހުގައިވަނީ ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ