ފަހި ދިރިއުޅުން ކޯޕޮރޭޝަން ލިމިޓެޑް މެދުވެރިކޮށް މި ސަރުކާރުން ގާއިމުކުރާ 4,000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެކުއިޓީ މިއަހަރު ހަމަޖެހިގެން ދާނެ ކަމަށާއި، އަދި މި ކޯޕަރޭޝަނަށް މި އެކިޓީ ސަރުކާރުން ހަމަޖައްސާދީ، މި އަހަރު ތެރޭ އަމަލީ މަސައްކަތް ފަށައިގަންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ، 2022 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުންނެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ، މި 4،000 ހައުސިން ޔުނިޓާއެކު، އަމިއްލަ ފަރާތްތަކާއި އެހެނިހެން ގޮތްގޮތުން މާލޭ ސަރަހައްދުގައި މިހާރު ތައްޔާރު ކުރެވެމުންދާ ހައުސިންގ މަޝްރޫޢުތައް ހިމެނުމުން، ޖުމުލަ 11,000 ހައުސިންގ ޔުނިޓް ގާއިމުކުރުމުގެ މަސައްކަތް މާލޭ ސަރަހައްދުގައި ކުރިޔަށް ދާނޭ ކަމަށެވެ.
ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، މީގެ އިތުރުން، އަތޮޅު ތެރޭގައިވެސް ހައުސިންގ ޔުނިޓުތައް ގާއިމުކުރުމަކީ ސަރަހައްދީ ތަރައްޤީއަށް މުހިއްމުކަމެއް ކަމަށާއި،، މިގޮތުން، އަތޮޅުތެރޭގެ ގެދޮރުވެރިކަމަށް ކުރިއަށްއޮތް ތިން އަހަރަށް 1.5 ބިލިއަނެއްހާ ރުފިޔާ ބަޖެޓުގައި ހިމަނުއްފާވައި ވާނެކަމަށެވެ.
ރައީސް އިބުރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ފާއިތުވި ކޮންމެ އަހަރަކުވެސް އިއްވެވި ރިޔާސީ ބަޔާނުގައި ހައުސިންގ މަޝްރޫއުތަކުގެ ބިންގާ އަޅުއްވާނޭކަމަށް ވިދާޅުވެފައި ވެއެވެ. އަދި ކޮންމެ އަހަރެއްގެ ބަޖެޓުގައިވެސް، ބޮޑެތި އަދަދުތަކުން ހައުސިންގެ މަޝްރޫޢުތަކަށް ފައިސާ ހިމަނުއްވާފައިވި ނަމަވެސް، ދައުރު ދެބައިވެ، މި ނޮވެމްބަރަށް ދައުރުގެ 3 ވަނަ އަހަރު ނިމިގެން ދާއިރު، ހައުސިން އެއްވެސް ބޮޑު މަޝްރޫޢެއް ކުރިަޔށް ނުދާކަމުގެ ކަންބޮޑުވުން، މީގެކުރިން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝިދުވެސް ވަނީ ފާޅު ކުރައްވާފައެވެ.
އަދި ރައީސް ސާލިހުގެ ސަރުކާރުން އަޅަން ނިންމާފައިވާ 4،000 ހައުސިން ޔުނިޓް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ސަރުކާރުން ހަމަޖައްސަވާ ދެއްވާ އެކިއުޓީ 2022 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިގެން ދިއުމުން، މި ދައުރުގެ ތެރޭގައި މި ހައުސިންގ މަޝްރޫޢު ނިމިގެންދާނެ ކަމާމެދު ގިނަބަޔަކު ދަނީ ސުވާކު އުފައްދަމުންނެވެ.
މިއަދު ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ، ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލު ހޯދައިދީ، އަތްފޯރާފަށުގައި ގެދޮރުވެރިކަން ފޯރުކޮށް ދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމުގައެވެ.
ކޮމެންޓު ފޮނުވާ