ގަލޮޅު މަދަރުސާގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މަސައްކަތު މީހުންގެ ގޮތުގައި މަސައްކަތް ކުރާ އެންމެން ސަސްޕެންޑް ކޮށްފިއެވެ.
އެ ސްކޫލުން ނެރުނު ބަޔާނެއްގައި ބުނީ ބުރާސްފަތި ދުވަހުން ފެށިގެން ސްކުލޫގައި މަސައްކަތްކުރާ ހުރިހާ އަންހެން މަސައްކަތު މީހުން ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައިވާ ކަމަށެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުން އެ ހަތަރު އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ ފާހަނައަށް ގެންދިޔަ މަސައްކަތު މީހެކެވެ.
ސްކޫލުން ބުނީ މީގެ ފަހުން ފާހާނާ ކުރުމަށްފަހު އެހީތެރިކަން ބޭނުންވާ ދަރިވަރަކުވާނަމަ އެހީތެރިކަން ފޯރުކޮށް ދިނުމަށް ބެލެނިވެރިޔާއަށް އެންގޭނެ ކަމަށެވެ. އަދި ސްކޫލުގައި 18 ސީސީޓީވީ ކެމެރާއެއް ހަރުކުރާނެ ކަމަށްވެސް ސްކޫލުން ބުންޏެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހުމަދު އަލީ "ވަގުތު"އަށް ވިދާޅުވީ މުވައްޒަފުން ސަސްޕެންޑް ކޮށްފައިވަނީ އިދާރީ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުން މައްސަލަ ބަލައި ނިމެންދެން ކަމަށެވެ. އެކަމުގެ ތުހުމަތަށް ދެ މުވައްޒަފަކާއި ދަނީ ސުވާލުކުރަމުންނެވެ.
އެ ކުއްޖާގެ އާއިލާއިން ބުނެފައިވާ ގޮތުން ކުއްޖާއަށް ޖިންސީ ގޯނާކުރި ވާހަކަތައް އޮއްބާލަން ސްކޫލުން މަސައްކަތް ކޮށްފައިވެއެވެ. ކުއްޖާގެ ބަޔާން ފުލުހުން ވަނީ ނަގާފައެެވެ.
ޖިންސީ ގޯނާގެ ސަބަބުން ކުއްޖާ އަށް ޖިސްމާނީ އަނިޔާތަކެއް ލިބި އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށްވެސް އަވަސް އަށް އެނގިފައިވެއެވެ.
ކޮމެންޓު ފޮނުވާ