މައްސަލަތައް ތަޚްޤީގު ކުރުމުގައި އެއްވެސްކަހަލަ ޒާތީ ތަޢައްސުބެއް ނޯންނާނެ: އެޗްއާރުސީއެމް

މައްސަލަތައް ތަޚްޤީގު ކުރުމުގައި އެއްވެސްކަހަލަ ޒާތީ ތަޢައްސުބެއް ނޯންނާނެ: އެޗްއާރުސީއެމް

Author
މުޙައްމަދު ޝަޒައިމް
29 އޮކްޓޯބަރ 2021 06:38
0

ހިއުމަންރައިޓް ކޮމިޝަނުން ތަހުގީގް ކުރަމުންދާ މައްސަލަތަކުގައި އެއްވެސް ފަރާތަކާމެދު ޒާތީ ތަޢައްޞުބެއް ނޯންނާނޭކަމުގައި އެކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން މިހެން ބުނެފައިވަނީ ކުޑަކުދިންގެ ހިޔާގައި 2017 ވަނަ އަހަރު ހިނގައިދިޔަ ހާދިސާއެއް ތަހުގީގް ކުރުމަށްފަހު ބައެއް މީހުންނަށް ދައުވާ ކުުރުމަށް ޕީޖީ އޮފީހަށް ފޮނުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެޗްއާރުސީއެމްއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މިބަޔާނުގައި ބުނެފައިވަނީ އެންޓި ޓޯޗަރ ޤާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން މިކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައްޔާއި، ހުށަހެޅޭ މައްސަލަތައް ތަހުގީގުކުރުމުގައި، އެއްވެސް ފަރާތަކާމެދު ޒާތީ ތަޢައްޞުބެއް ނޯންނާނޭކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށެވެ. އަދި މައްސަލަތަކުގައި ގޮތް ނިންމަނީ ހަމައެކަނި ކުރިމަތީގައިވާ ހެކީގެ މައްޗަށް ބުރަވެ، އިންސާފުވެރިކަމާއި، ޢަދުލުވެރިކަމާ އަދި ނަޒާހާތްތެރިކަމާ އެކުގައިކަމަށެވެ.

އަދި ހަމައެހެންމެ، އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން މިކޮމިޝަނުގެ ފަރާތުން ތަހުގީގުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭގޮތުން މީޑިއާތަކުން އެދިގެން މިކޮމިޝަނުން މިހާތަނަށް ފޯރުކޮށްދީފައިވާ އެއްވެސް މަޢުލޫމާތެއްގައި އެއްވެސް ފަރާތެއްގެ ނަމެއް ނުވަތަ ޒާތީ މައުލޫމާތެއްވެސް ހާމަކޮށްފައި ނުވާނެކަމަށް އެޗްއާރުސީއެމްއިން ވަނި ބުނެފައެވެ. އަދި ވަކި މައްސަލައެއްގެ ތަހުގީގު ނިންމައި މައްސަލައިގެ ލިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، މީޑިއާތަކުން ޚަބަރުތައް ގެނެސްދެއްވުމުގައި، އެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޙައްޤަކަށް އެއްވެސް އަސަރެއް ނުކުރާނޭ މޭރުމަކުން ޚަބަރުތައް ގެނެސްދެއްވުމަށް ވަނީ އިލްތުމާސް ކުރައްވާފައެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން އެޗްއާރުސީއެމްއަށް ފޮނުވާފައިވާ މައްސަލަތަކަކީ 2017 ވަނަ އަހަރު  ކުޑަކުދިންގެ ހިޔާ ގައި ބައިތިއްބާފައިވާ ކުޑަކުދިންތަކަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރގެ ފަރާތުން ހިންގި ހަރަކާތްތަކެއްގައި، އެމުއައްސަސާތަކުގެ ބައެއް މުވައްޒަފުން އެކުދިންނާ ހަޑިހުތުރު ބަހުން މުޢާމަލާތުކޮށް، ބައެއް ކުޑަކުދިން ބިޑި އަޅުވައި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަތަކެއްކަމަށް ވަނީ ބުނެފައެވެ.

އެންޓި ޓޯޗަރ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) އިން އަނިޔާކުރުމާއި ރަޙުމްކުޑަ ޢަމަލު ހިންގުމާއި، ލާއިންސާނީ ޢަމަލު ހިންގުމާއި، އިހާނެތި ޢަމަލު ހިންގުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުމާ ދެކޮޅަށް މަސައްކަތްކުރުމާއި، އެކަންކަން ދިވެހިރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކަންކުރުމާއި، އެޤާނޫނުގެ ދަށުން ކުށްކަމުގައި ކަނޑައަޅާފައިވާ ޢަމަލުތައް ދިވެހިރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ސީދާގޮތުންނާއި ނުސީދާގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޤާނޫނީ ޒިންމާވަނީ އެޤާނޫނުގެ ދަށުން ކޮމިޝަނުގެ މައްޗަށް މަތިކޮށްފައިވާ ކަމެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި ހަމައެހެންމެ، މިކަންކަން ތަންފީޒު ކުރުމަށް ފަހިވާނެ އެންމެހައި ކަންކަން ކުރުމުގެ އިޚްތިޞާޞްވެސް އެންޓި ޓޯޗަރ ޤާނޫނުގެ 44 ވަނަ މާއްދާގެ (ނ) ގެ ދަށުން މިކޮމިޝަނަށް ލިބިދީފައިވާކަމަށް ވެސް މިބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުންޖިޗޭ
ތިތަނަށް އާދެވުނުގޮތުންވެސް އެނގޭނެ އެކަހަލަ ކަމެއް ނޯންނާނެކަން
ޢ ޢަވާމެނދުރު
Kommemuahsasaa akunves bunanee ehen alamegotakan kantahtketnube nikandekibala mdp gemeehun haasakon nagaakiyahtibeebodetimeehun kommekuriyas deenanhajoo jehiyas vaakametnoove koolishanun beerumaeehun agatalatalaafa tibehvee vaakamet noove atkametves