އަމާޒަށް ވާސިލްވެއްޖެ، އެއްމިލިޔަން ވަނަ ފަތުރުވެރިޔަކީ ފްރާސްމީހެއް

އަމާޒަށް ވާސިލްވެއްޖެ، އެއްމިލިޔަން ވަނަ ފަތުރުވެރިޔަކީ ފްރާސްމީހެއް

މިއަހަރު ރާއްޖެއަށް އަންނާނެކަމަށް ލަފާކުރި ފަތުރުވެރިންގެ ތެރެއިން އެއް މިލިއަންވަނަ ފަތުރުވެރިޔާ ރާއްޖެއަށް އައިސްފިއެވެ.

އެއް މިލިއަންވަނަ ފަތުރުވެރިއާގެ ގޮތުގައި ރާއްޖެއަށް އައިސްފައިވަނީ ފްރާންސަށް ނިސްބަތްވާ ވިންސެންޓް ވިކްޓޮރ ކޮރަންޓިން ޕިޓައުއެވެ. މިއީ އޭނާ ރާއްޖެއަށް ޒިޔާރަތްކުރި 20ވަނަ ފަހަރެވެ. ވިންސެންޓް ރާއްޖެއައިސްފައިވަނީ އޭނާގެ އަންހެނުންނާއެކުގައެވެ. އެދެމަފިރިންނަށް މަރުޙަބާ ކިއުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ ރާއްޖޭގެ އާދަކާދައާއި ޘަޤާފަތާގުޅޭ ބޮޑުބެރުގެ ހުށައެޅުމެއް ގެނެސްދީފައެވެ.

މިއީ ކޯވިޑް-19 އަށް ބޯޑަރު ބަންދުކޮށް އަލުން ހުޅުވިފަހުން އެއް މިލިއަން ޓޫރިސްޓުން ހަމަވި ފުރަތަމަ ފަހަރެވެ. މި އަހަރު އައި ޓޫރިސްޓުންގެ އަދަދު އެއް މިލިއަން ފަހަނަ އެޅިއިރު މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަކީ އިންޑިއާއެވެ. އިންޑިއާ ފިޔަވައި ރާއްޖެއަށް ދެން އެންމެ ގިނައިން ޓުވަރިސްޓުން އައި ޤައުމުތަކުގެ ތެރޭގައި، ރަޝިއާ، ޖަރުމަނުވިލާތް، އެމެރިކާ، ޔޫކްރެއިން، ސްޕެއިން، އިނގިރޭސިވިލާތް، ފްރާންސް އަދި ކަޒަކިސްތާން ހިމެނެއެވެ. 

އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިއުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް އެމްއެމްޕީއާރްސީއާއި މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން އިންވަނީ ބައިވެރިވެފައެވެ. އަދި މިއިދާރާތަކުންވަނީ ވިންސެންޓްގެ ދެމަފިރިންނަށް ޚާއްސަ ހަދިޔާތަކެއް އަރުވާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު އެންމެ ގިނައިން އެއް ދުވަހެއްގެ މައްޗަށް ޓޫރިސްޓުން އައިސްފައިވަނީ 6،000 މީހުންނެވެ. އަދި އާއްމުކޮށް ޑެއިލީ އެރައިވަލްސް އުޅެނީ 3،000 އިން މަތީގައެވެ. އަދި އެވްރެޖުކޮށް ޓޫރިސްޓުން ރާއްޖޭގައި މަޑު ކުރަނީ 8.9 ދުވަހުއެވެ.

ރާއްޖޭގައި މިހާރު 10،182 ގެސްޓްހައުސް އެނދު ހިންގައެވެ. އަދި ހުޅުވާފައިވާ ގެސްޓްހައުސްގެ އަދަދު ވަނީ 585 އަށް އަރާފަ އެވެ. އަދި ގެސްޓްހައުސް ހުޅުވާފައިވަނީ 20 އަތޮޅެއްގެ 87 ރަށުގައެވެ. އަދި މިހާރު ރާއްޖޭގައި 51،000 އަށްވުރެ ގިނަ ޓޫރިސްޓު އެނދު ވަނީ ހިދުމަތަށް ނެރެފަ އެވެ. މީގެތެރޭގައި 160 ރިސޯޓުގައި ހުރި 37،353 އެނދު ވެސް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *