މަސްތުވާތަކެތީގެ މައްސަލައެއްގައި މި އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ޖަލުގައި ހައްޔަރު ކޮށްފައިވާ ޝާހް ރުކް ހާންގެ ދަރިފުޅު އާރްޔަން ހާން ދޫކޮށްލަން ބޮމްބޭ ހައިކޯޓުން ނިންމައިފިއެވެ. އާރްޔާން ދޫކޮށްލަން ނިންމާފައިވަނީ ކަފާލާތުގެ ދަށުންނެވެ.
އަޔްރާންގެ އިތުރުން އޭނާއާއެކު ހައްޔަރު ކުރި އިތުރު ދެ މީހަކު ދޫކޮށްލަންވެސް އެ ކޯޓުން ނިންމާފައިވެއެވެ. އެއީ އޭނާގެ ގާތް ދެ އެކުވެރިން ކަމުގައިވާ އަރުބާޒް މާޗެންޑްއާއި މުންމުމް ދަމޭޗާއެެވެ.
ބޮމްބޭ ހައި ކޯޓުގައި ދެ ދުވަހަށް ތާވަލު ކޮށްގެން ބޭއްވި މި މައްސަލައިގެ މިއަދުގެ އަޑު އެހުމުގައި އާރްޔަން ވަނީ ކަފާލާތުގެގެ ދަށުން ސަލާމަތް ވެފައެވެ. އަރްޔާން ވަނީ ޖަލުގައި 25 އަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައެވެ. އޭނާ ދޫކޮށްލުމާއި ގުޅިގެން ބައެއް ތަރިން ދަނީ އުފާ ފާޅުކޮށް ޓްވީޓް ކުރަމުންނެވެ. ސޔާސީ ބައެއް ފަރާތްތަކުން ބުނެފައިވަނީ އެންސީބީއިން އާރްޔަން ހައްޔަރުކޮށް އޭނާގެ ނަން ހުތުރު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އުމުރުން 23 އަހަރުގެ އަރުޔާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އޭނާ ހައްޔަރު ކުރެވުނުތަނުން، މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ، ކޮކެއިންއާއި، ހަޝިޝްއާއި، އެކްސްޓަސީގެ އިތުރުން މަސްތުވާތަކެތީގެ އިތުރު ބާވަތްތަކާއި އަދި ފައިސާވެސް ފުލުސް އޮފިސަރުން ހޯދާފައިވާކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އިންޑިއާގެ މީޑިއާތަކުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ޑްރަގް ބޭނުންކުރާ ކަމުގެ ތުހުމަތުގައި މި 8 މީހުން ހައްޔަރު ކޮށްފައިވަނީ، އިންޑިއާގެ ގޯއާއަށް ދަތުރު ކުރަމުންދިޔަ ކްރޫޒް ޝިޕަކުންނެވެ.
ޝާހުރުކް ޚާންގެ ގާނޫނީ ވަކީލުން ލޯކަލް މީޑިއާތަކަށް މައުލުމާތު ދީފައިވާ ގޮތުގައި، އަރުޔާން ހައްޔަރު ކުރެވުނުއިރު "އޭނާގެ އަތުގައި ކުރޫޒު ޝިޕްގައި ދަތުރު ކުރުމަށް ބޭނުންވާ ބޯޑިން ފާސްއެއް ނެތުމުގެ އިތުރުން، އަދި އޭނާއަށް ވަކި ސީޓެއްވެސް އަދި ކެބިންއެއްވެސް ޚާއްސަކުރެވިފައި ނުވާ،" ކަމުގައެވެ. އަދި ގާނޫނީ ވަކީލުންނާ ހަވާލާދީ ލޯކަލް މީޑިއާތަކުން އިތުރަށް ބުނެފައިވަނީ އޭނާ އެ ކުރޫޒް ޝިޕަށް ގޮސްފައިވަނީ ޕާޓީއަކަށް އޭނާއަށް ލިބުނު ދައުވަތަކަށް ކަމުގައެވެ.
"ދެވަނަކަމަށް، އޭނާ ހައްޔަރު ކުރެވުނުއިރު އޭނާގެ އަތުން މަސްތުވާ އެއްވެސް ބާވަތެއް ފެނިފައެއް ނުވޭ. އޭނާ ހައްޔަރު ކުރެވިފައިވަނީ، ހަމައެކަނި ދެކެވުނު ވާހަކަތަކެއްގެ މައްޗަށް،" ޝާހުރުކް ޚާންގެ ލޯޔަރު ވިދާޅުވެފައި ވެއެވެ.