ދުނިޔޭގެ ދެވަނަ ބޮޑު ހަގުރާމާގައި، 1946ވަނަ އަހަރުގެ އޮގަސްޓުމަހުގެ 6 ވަނަ ދުވަހު، އެމެރިކާއިން ޖަޕާނުގެ ހީރޯޝިމާއަށް ވައްޓާލި ނިއުކުލިއަރ ބޮމުން ސަލާމަތްވި، ސުނާއީ ސޫބިއޯ އުމުރުން 96 އަހަރުގައި މަރު ވެއްޖެއެވެ. ޓްސޫބިއޯ ފަހުން ވެފައިވަނީ، ނުއިކުލިއަރ ހަތިޔާރާއި ދެކޮޅަށް ކެމްޕެއިންކުރާ އިސްފަރަތަކަށެވެ. އަދި އޭނާވަނީ، އެމެރިކާގެ ކުރީގެ ރައީސް ބަކަރް އޮބާމާގެ ވެރިކަމުގައި އޭނާ ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި އޮބާއާވެސް ބައްދަލު ކުރައްވާފައެވެ.
އެމެރިކާއިން ޖަޕާނަށް އެޅި ފުރަތަމަ ނިއުކިލިއަރ ބޮން ވައްޓާލިއިރު ޓްސޫބިއޯ ހުރީ އޭނާ އޭރު ކިޔަވަމުންދިޔަ އިންޖިނިއަރިން ކޮލެޖަށް ދިއުމުގެ މަގުމަތީގައެވެ.
މިބޮން ހީރޯޝީމާއަށް ވައްޓާލުމާއެކު، ކާރޫބާރޫ ބޮޑު މިސިޓީ އެކީއެކަށް އަލިފާން ހުޅުގަޑަކަށް ބަދަލުވެގެން ދިޔައެވެ.
"އަހަރެންގެ ހަށިގަޑުގެ އެތަން މިތަން އަަދައިގެން ދިޔަ،" ޓްސޫބިއޯ 2016ވަނަ އަހަރު އޭއެފްޕީއަށް ކިޔައިދީފައިވެއެވެ.
"އޮގަސްޓް 6ވަނަ ދުވަހު، އޮރިޔާމުން ހުރެ، އަހަރެން 3 ގަޑިއިރު ވަންދެން ދުވިން، އަދި ފަހުން އިތުރަށް ކުރިޔަށް ދެވޭނެހާ ވަރު ނެތިގެން ކުރިޔަކަށް ނުދެވުނު."
އޭރު އުމުރުން 20 އަހަރުގެ ޓްސޫބިއޯ ކިޔައިދީފައިވާ ގޮތުގައި، ގައިގެ ވަރުނެތި، ކުރިޔަށް ނުދެވުމުން ހެދި ގޮތަކީ، ބިންމަތީގައި އޮތް ގާބުރިޔެއް ނަގައިގެން، ބިމުގައި، "ޓްސޫބިއޯ މަރުވީ މިތާއޮވެ،" މިހެން ލިޔުނީއެވެ. އެއަށްފަހު އޭނާއަށް ވީނުވީއެއް ނޭގި ހޭނެތުނީއެވެ. އަދި އޭނާ ހޭއެރީ އޭގެ އެތައް ހަފްތާތަކެއް ފަހުންނެވެ.
އެއަށްފަހު އޭނާއަށް ކެންސަރު ޖެހި، އެނޫން އެހެން ބަލިތަކާވެސް ހަގުރާމަ ކުރަންޖެހުނެވެ. އަދި އޭނާ ވެގެންދިޔައީ، ނިއުކުލިއަރ ބޮމުން ސަލާމަތްވީ މީހުންގެ ހައްގުތަކަށް ވަކާލާތުކުރާ އަދި، ނިއުކުލިއަރ ހަތިޔާރުން ސަލާމަތްވެފައި އޮތް ދުނިޔެއަކަށް އޭނާވަނީ އޭނާގެ މުޅި ހަޔާތުގައި ވަކާލާތު ކޮށްފައެވެ.
"އިންސާނިއްޔަތުގެ އުފަލައްޓަކާ އަަހަރެންނަށް، ކޮންމެފަދަ އުދަގުލެއްވެސް ތަހައްމަލް ކުރެވިދާނެ. އަހަރެން މާދަމާވެސް މަރުވެދާނެ، އެހެންނަމަވެސް އަހަރެން އަބަދުވެސް ހުންނާނީ އުއްމީދުގައި. އަހަރެން ދުވަހަކުވެސް، އުއްމީދު ކަނޑައެއް ނުލާނަން. އަހަރެން ބޭނުންވަނީ ނިއުކުލިއަރ ހަތިޔާރު އަބަދައްޓަކާ ނައްތާލަން،" އެނާ ބުނެފައި ވެއެވެ.
ޓްސޫބިއޯ ހިމެނިގެންދަނީ، 2016ވަނަ އަހަރު، އެމެރިކާގެ އޭރުގެ ރައީސް ބަރަކް އޮބާމާ ހީރޯޝީމާއަށް ކުރެއްވި ޒިޔާރަތުގައި، އޮބާމާއާއި ބައްދަލުކުރުމުގެ ފުރުސަތު ލިބިގެންދިޔަ، ނިއުކުލިއަން ބޮމުން ސަލާމަތްވި މަދު މީހުންގެ ތެރޭގައި ހިމެނޭ އެކަކު ކަމުގައެވެ.
އެމެރިކާއިން ހީރޯޝީމާއަށާއި ނަގަސާކީއަށް އެޅި އެޓޮމިކް ބޮމުގެ ޝިކާރައަކަށްވީ މީހުން ތަމްސީލުކުރާ ގުރޫޕެއް ކަމުގައިވާ ނިހޮން ހިޑަންކޔޯ އިން ބުނެފައިވާ ގޮތުގައި ޓްސޫބިއޯ މަރުވެފައިވަނީ ފާއިތުވެދިޔަ ހޮނިހިރު ދުވަހު ނިއުމޯނިޔާ ބަލީގައި ކަމުގައެވެ. ޓްސޫބިއޯ އަކީ، މި ގުރޫޕުގެ އެންމެ މުހިންމު އެއް ލީޑަރވެ.
ޖަޕާނުގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ދެވަނަ ބޮޑު ހަގުރާމާގައި ޖަޕާނަށް ދިން ނިއުކުލިއަރ ބޮމުގެ މި ދެހަމަލާއިން ސަލާމަތްވި 127,755 މީހުން އަދިވެސް ދުނިޔޭގައި އެބަ ތިއްބެވެ. އަދި މިމީހުންގެ އެވްރެޖް އުމުރަކީ 84 އަހަރެވެ.
ހީރޯޝީމާއަށް ދިން ނިއުކުލިއަރ ބޮމުގެ ހަމަލާގައި 140،000 މީހުން މަރުވިއެވެ. މިއީ މިހަމަލާއިން ސަލާމަތްވި ނަމަވެސް، އެއަށްފަހު ރޭޑިއޭޝަންގެ އަސަރުކޮށްގެން މަރުވި މީހުންވެސް ހިމެނޭ އަދަދެވެ.
އޭގެ 3 ދުވަސްފަހުން އެމެރިކާއިން ނަގަސާކީއަށް ޕްލޫޓޯނިއަމް ބޮމެއް ވައްޓާލިއެވެ. މިހަމަލާގައި 74،000 މީހުން މަރުވިއެވެ. ދުނިޔޭގެ ދަވަނަ ބޮޑު ހަގުރާމަ ނިމިގެން ދިޔައީ މި ބޮން އެޅުމާއެކު ޖަޕާން އަމާން ދިނުމަށްފަހުއެވެ.
ކޮމެންޓު ފޮނުވާ