މައްސަލަ އުޅެނީ ނިޒާމަކުނޫން، ޤާނޫނު ތަންފީޒު ކުރުމުގައި: އަނާރާ

މައްސަލަ އުޅެނީ ނިޒާމަކުނޫން، ޤާނޫނު ތަންފީޒު ކުރުމުގައި: އަނާރާ

ރާއްޖޭގައި މައްސަލަ އުޅެނީ ވެރިކަން ކުރަމުންދާ ނިޒާމަކު ނޫންކަމަށާއި، މައްސަލަ އުޅެނީ ޤާނޫނު ތަންފީޒު ކުރުމުގައި ކަމަށް ވެރިކަން ކުރާ ކޯލިޝަންގެ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

އަނާރާ މިފަދައިން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ. އަނާރާ ވިދާޅުވީ ވެރިކަމުގެ ނިޒާމުގައި މައްސަލަ ނޫޅޭކަމަށެވެ. މައްސަލަ އުޅެނީ ޤާނޫނު ތަންފީޒު ކުރުމުގައިކަމަށެވެ. ޤާނޫނުގައި ބުނާ ކަންކަން ތަންފީޒު ކުރެވޭނަމަ ނިޒާމުގެ މައްސަލަ ނޫޅޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލަ އުޅެނީ ވެރިކަމުގެ ނިޒާމަކުނޫނެވެ. ޤާނޫނުތައް ތަންފީޛު ކުރުމުގައެވެ. އެކަންކަން ތަންފީޛުކޮށް އިޞްލާޙުކުރުމުގެ ބަދަލުގައި ސިޔާސީގޮތުން ނިޒާމު ބަދަލުކުރާ ވާހަކަ ތާއަބަދު ދެއްކުން މިއީ މިއަދު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކުރިއެރުވުމަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ.

– އަނާރާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކާއި އެކު ފާއިތުވެދިޔަ ދެދުވަހެއްގައި މަޝްވަރާ ކުރައްވާފައިވަނީ ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ޤާނޫނު އަސާސީއަށް އަމަލު ކުރަމުންދާތާ 14 އަހަރު ފާއިތުވަމުންދާއިރު، ސިޔާސީ މަސްރަހުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިކަން ސާފުވާކަމަށެވެ. މިކަންކަމާއިއެކު ކުރިއަށްދެވޭނީ ސިޔާސީ ގޮތުން އޮތް ހައްލުތަކެއް ހޯދައިގެން ކަމަށާއި އެކަން ކުރެވޭނީ ޤާނޫނު އަސާސީއަށް އިސްލާހު ގެނެސް އެންމެން އެދޭ ހައްލެއް ލިބިގެންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައީސް ނަޝީދު ގެންދަވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ. އެމަނިކުފާނު ވަނީ މިމަސައްކަތުގައި ރައީސް ޞާލިހާއިވެސް ބައްދަލު ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *