ޖަރުމަނު ކަޕްގައި ރޭ ބޮރޫޝިއާ މުންޗެންގްލަޑްބެކުން ލަދުވެތިގޮތަކަށް ވަރުގަދަ ބަޔާން މިއުނިކް ބަލިކުރުމަށްފަހު މުބާރާތުގެ ގަދަ 16 އިން ޖާގައެއް ކަށަވަރުކޮށްފިއެވެ.
މޮންޗެންގްލަޑްބަކްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ބަޔާންގެ މައްޗަށް އެ ޓީމު ކުރިހޯދީ 0-5 ގެ ނަތީޖާއަކުންނެވެ. މިއީ 1978 ވަނަ އަހަރަށްފަހު މިހާ ތަފާތު ބޮޑުކޮށް މެޗަކުން ބަޔާން ބަލިވި ފުރަތަމަ ފަހަރެވެ.
މި މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް މުންޗެންގްލަޑްބެކުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 2 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ކޮއާޑިއޯ ކޯނޭއެވެ. މީގެ އިތުރުން މުންޗެންގްލަޑްބެކުން ވަނީ ފުރަތަމަ ހާފްގައި އަދި އިތުުރު 2 ލަނޑު ޖަހާ ބަޔާން ސިއްސުވާލާފައެވެ. ބަޔާން ކޮޅަށް މުންޗެންގްލަޑްބެކުން ޖެހި 2 ވަނަ ލަނޑު އެޓީމުން ޖެހީ 15 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، ރެމީ ބެންސަބެއިނީއެވެ. އަދި 21 ވަނަ މިނެޓުގައި މުންޗެންގްލަޑްބެކަށް ލިބުނު ޕެނަލްޓީއެއްވެސް ބެންސަބެއިނީ ވަނީ ކާމިޔާބުކޮށްދީފައެވެ.
މޮންޗެންގްލަޑްބަކް ގެ 4 ވަނަ ލަނޑު ފެނިގެންދިޔައީ 2 ވަނަ ހާފުގެ 6 ވަނަ މިނެޓުގައެވެ. ބްރީލް އެމްބޯލޯ މި ލަނޑު ކާމިޔާބުކުރި އިރު މި ލަނޑު ޖެހިތާ 6 މިނެޓު ފަހުން އޭނާ ވަނީ 5 ވަނަ ލަނޑު ޖަހާފައެވެ.
ބަޔާން ބަލިކޮށް ޖަރުމަން ކަޕުގެ ގަދަ 16 އަށް މޮންޗެންގްލަޑްބަކް ދަތުރުކުރިއިރު، ގަދަ 16 ގެ މެޗުތައް ކުޅޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ކޮމެންޓު ފޮނުވާ