ވެކްސިން ރައްކާކުރަން ޖަޕާނުން 950،000 ޑޮލަރުގެ އެހީ

ވެކްސިން ރައްކާކުރަން ޖަޕާނުން 950،000 ޑޮލަރުގެ އެހީ

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2021 02:05
0

ދިވެހިރާއްޖެއިން ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި ރާއްޖޭގައި ވެކްސިން ރައްކާތެރިކަމާއިއެކު ބެލެހެއްޓުމުގެ އިންތިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޖަޕާން ސަރުކާރުގެ އެހީއާއިއެކު އިކުއިޕްމަންޓް މިއަދު ހަދިޔާކުރައްވައިފިއެވެ.

މިކަމަށްޓަކައި މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިތަކެތި މިނިސްޓްރީ އޮފް ހެލްތުއާއި ޙަވާލްކޮށްދެއްވީ ޔުނިސެފްގެ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް މިސް މަރްޖާން މުންތަޒިމީ އަދި ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ހަރ އެކްސެލެންސީ މިސް ކެއިކޯ ޔަނާއީއެވެ.

ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެގޮތުން މިއަދު ޙަވާލުކުރެވުނު ތަކެތީގެ ތެރޭގައި ވެކްސިން އުފުލުމާއި ރައްކާކުރުމަށް ބޭނުންވާ "ފްރީޒް ފްރީ ވެކްސިން ކެރިއަރސް" އަދި ކޯލްޑް ޗެއިން ސްޓޯރޭޖް ޤާއިމް ކުރުމަށްޓަކައި ބޭނުންވާ ފްރީޒަރ، ފިނިހޫނުމިން ވަޒަންކުރާ އާލާތްތައް، އިންފޮމޭޝަން ޓެކްނިލޮޖީ އާލާތްތައް އަދި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީ.ޕީ.އީ) ހިމެނެއެވެ.

މިއަދު ޙަވާލްކުރެވުނު ތަކެއްޗާއި، މިޕްރޮޖެކްޓްގައި ހިމެނޭ ފަންނީ ލަފާގެ އެހީތެރިކަމާއެކު މުޅިޖުމްލަ 950،000.00 އެމެރިކާ ޑޮލަރުގެ އެހީ މިޕްރޮޖެކްޓްގެ ތެރެއިން ޞިއްޙީދާއިރާއަށް ލިބިގެންދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަލްފާޝިލް އަހުމަދު ނަސީމް ވަނީ ޔުނިސެފް އަދި ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް މެދުނުކެނޑި ލިބެމުންދާ އެހީތެރިކަމަށްޓަކައި ޔުނިސެފް އާއި ޖަޕާން ސަރުކާރުގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ ކޮންމެ ޙާލަތެއްގައި ޔުނިސެފް އަދި ޖަޕާން ސަރުކާރުގެ ފަރާތުން އަބަދުވެސް ދިވެހިރާއްޖެއަށް އެހީތެރިކަން ލިބެމުންދާތީ، އެކަން ފާހަގަކޮށް ޝުކުރުއަދާކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.