ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު އައްޑޫއިން ނިޔާވެއްޖެއެވެ.
މިއީ އައްޑޫ ސިޓީން މިއަދު ނިޔާވި ދެވަނަ މީހާއެވެ. އެޗްޕީއޭއިން ވިދާޅުވީ ނިޔާވެފައި ވަނީ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވީ މިއަދު މެންދުރުފަހު 1:10 ހާއިރު ކަމަށެވެ.
އައްޑޫއިން ނިޔާވި ފުރަތަމަ މީހާ މަރުވެފައިވަނީ ރޭ މެންދަމުއެވެ. އެއީ 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އައްޑޫގެ ދެ މަރާ އެކު މި މަހުގެ ތެރޭގައި ކޮވިޑްގައި ރާއްޖެ އިން މަރުވި މީހުންގެ އަދަދު ވަނީ 11 އަށް އިތުރުވެފައެވެ. އަދި ރާއްޖޭގެ ކޯވިޑް މަރުގެ އަދަދު 242 އަށް އިތުރުވީއެވެ.
އައްޑޫގައި ކޯވިޑްގެ ޙާލަތު ގޯސްވެ އެސިޓީގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ދެރަށްވެސް އޮތީ މޮނީޓަރިންގެ ޙާލަތުގައެވެ. ކޯވިޑަށް ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދު އެއްވަރެއްގައި މިހާރު ވަނީ ހިފެހެއްޓިފައެވެ. އެހެންނަމަވެސް ރައްކާތެރިވުމުގެ ގޮތުން އުމުރުން ދުވަސްވީ މީހުނަށާއި ދިފާޢީ ނިޒާމު އެކި ސަބަބުތަކަށްޓަކައި ދަށް މީހުން އިތުރު ބޫސްޓަރ ޝޮޓެއެއް ޖެހުމުގެ މަސައްކަތް އެޗްޕީއޭއިން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.