ރާއްޖެއިން އިތުރު 92 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި 92 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން ގިނަ ކޭސްތަކެއް ފެނިފައި ވަނީ އަތޮޅުތަކުންނެވެ. އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 26 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 60 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 6 މީހުން ހިމެނެއެވެ.
އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 86922 އަށް އަރާފައެވެ.
އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ފަރުވާ ހޯދާ މީހުންގެ އަދަދު މިހާރުވަނީ 1524 އަށް އިތުރުވެފައެވެ. މީގެތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 19 މީހަކަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 88 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 85145 އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،710 ސާމްޕަލެއް ވަނީ ކޯވިޑަށް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 240 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.