ޑީއެންއޭ ހަދައިގެން ލިބޭ ހެކިތައް ޒިނޭގެ މައްސަލަތައް ސާބިތުކުރުމުގައި ބޭނުންކުރެެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަސް ފުރިހަމައަށް ތާއީދު ކުރައްވާ ކަމުގައި ކުރީގެ ރައީސް އަދި ދީނީ ޢިލްމުވެރިޔާ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޑީއެންއޭ ހަދައިގެން ލިބޭ ހެކިތައް ޒިނޭގެ މައްސަލަތައް ސާބިތުކުރުމުގައި ބޭނުންކުރެެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ޒިނޭ ސާބިތު ކުރުމަށް ޑީއެންއޭ ބޭނުން ކުރެވިދާނެކަމަށް ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލް ތަފާތުވި މައްސަލާގައި ރައީސް މައުމޫން އެންމެ ފުރަތަމަވެސް ތާއީދު ކުރެއްވީ ޒިނޭ ސާބިތު ކުރުމަށް ޑީއެންއޭ ބޭނުން ކުރެވޭނެކަމަށެވެ. ނަމަވެސް ދީނީ އެހެން އިލްމުވެރިންނާއި ރައީސް މައުމޫނާއި މިކަމުގައި ޚިޔާލު ތަފާތު ވިއެވެ. ރައީސް މައުމޫން ވަނީ މިއަދު ސްޕްރީމް ކޯޓުން ޑީއެންއޭ ބަލައި ގަތުމަށް ނިންމި ނިންމުމަށް ތާއީދު ކުރައްވާފައެވެ.
ހެތްކެއްގެ ގޮތުގައި ޑީ އެން އޭ ބަލައިގަތުމާ ބެހޭ ގޮތުން މިއަދު ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމަށް ފުރިހަމައަށް ތާއީދު ކުރަން.
– ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން މިނިންމުމަށް ތާއީދު ކުރެއްވިއިރު އެމަނިކުފާނު ނިސްބަތްވާ އެމްއާރުއެމްއިންވެސް ވަނީ މިކަމަށް މަރުހަބާ ކިޔާފައެވެ. އެމްއާރުއެމްއިން ބުނެގައިވަނީ މިނިންމުމާއިއެކު އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، މިފަދަ މައްސަލަތަކުގައި ހަމަހަމަ ކަމާއިއެކު އިންސާފު ޤާއިމް ކުރެވިގެންދާނެކަމަށެވެ.
ޑީއެންއޭ ހެއްކަކީ ކުށް ސާބިތުކުރުމަށް ބޭނުންކުރެވިދާނޭ ހެއްކެއް ކަމަށް ކަނޑައަޅައެޅުމާއިއެކު، އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، މިފަދަ މައްސަލަތަކުގައި ހަމަހަމަ ކަމާއިއެކު އިންސާފު ޤާއިމް ކުރުމަށް މި އެޅުނު ތާރީޚީ ފިޔަވަޅަށް މި ޕާޓީން މަރުޙަބާ ކިޔަން.
– އެމްއާރުއެމްއިން ބުނެފައިވެއެވެ.
އެކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ ފިރިހެނެއްގެ މައްޗަށް ކުރި ޒިނޭގެ ދައުވާއެއް ސާބިތުނުވާ ކަމަށް ހައި ކޯޓުން ނިންމި ނިންމުމެއްގެ އިސްތިއުނާފު މައްސަލައެއްގައެވެ. ދައުލަތުން ފިރިހެނެއްގެ މައްޗަށް ކުރި ޒިނޭގެ ދައުވާ ސާބިތުނުވާ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ. އެ މައްސަލާގައި ހިމެނޭ އަންހެން މީހާ ކޯޓުގައި ބުނެފައިވަނީ އޭނާ ވިހޭ ދަރިއަކީ އެ ފިރިހެންމީހާގެ ދަރިއެއްކަމަށެވެ. އަދި އެކުއްޖާގެ ޑީއެންއޭވެސް އެ ފިރިހެންމީހާއާ ދިމާވި ނަމަވެސް ހައިކޯޓުން ނިންމާފައިވަނީ ޑީއޭންއޭ ފަދަ ޤަރީނާތައް ބޭނުންކޮށްގެން ޒިނޭގެ ދައުވާ ސާބިތު ނުކުރެވޭނެ ކަމަށާއި އެކަން އިސްލާމީ ޝަރީއަތާ ޚިލާފުކަމަށެވެ.
މި މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ނިންމެވި ނިންމެވުމުގައި ވަނީ އިސްލާމީ ޝަރީއަތުގައި ޒިނޭގެ ކުށް ސާބިތުކުރެވޭނީ ހަތަރު ފިރިހެނުންގެ ހެކިބަހުން ނުވަތަ އަމިއްލަ އިއުތިރާފުންކަމަށެވެ. އަދި މި ފަދަ މައްސަލަތަކުގައި ކުށް ސާބިތުކުރެވޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް އެކުށެއް ސާބިތުވުމުން ކަމަށާއި ޑީއެންއޭއާއި ސައިންޓިފިކް ޤަރީނާތަކުން މި ފަދަ މައްސަލަތަކުގައި އެ މިންވަރަށް ކުށް ސާބިތުނުކުރެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވާކަމަށެވެ. އެހެންކަމުން މި ފަދަ މައްސަލަތަކުގައި ޑީއެންއޭއާއި ސައިންޓިފިކް ޤަރީނާތަކަށް ބަލާ އެއްވެސް ގޮތަކަށް ހައްދުގެ އަދަބެއް ނުދެވޭނެކަމަށްވެސް އެހުކުމްގައިވެއެވެ.
ސުޕްރީމް ކޯޓްގެ ހުކުމުގައި ވަނީ ޑީއެންއޭ އާއި ސައިންޓިފިކް ޤަރީނާތަކަކީ އެ ޤަރީނާއަށް ބާރުދެނިވި އެހެން ހެކި ނުވަތަ ބާރުގަދަ އެހެން ޤަރީނާތައް ހުރެއްޖެނަމަ ހައްދުގެ މައްސަލަތައްވެސް ތައުޒީރީ މިންގަޑަކުން ސާބިތުކުރުމަށް ފުދޭނެ ވަސީލަތްތަކެއް ކަމަށެވެ. އެހެންކަމުން ޤަރީނާތައް ބޭނުންކޮށްގެން ހައްދު ޤާއިމުކުރެވޭނެ މިންވަރަށް ކުށް ސާބިތު ނުކުރެވުނުނަމަވެސް އެ ފަދަ ހެކިތަކަށް ބިނާކޮށް ތައުޒީރީ އަދަބެއް ދެވިދާނެކަމަށެވެ. އަދި އިސްލާމީ ތާރީޚުން އުމަރުގެފާނުގެ ދައުރުގައި ހިނގާފައިވާ މި ފަދަ މައްސަލައެއް ހުކުމްގައިވަނީ ފާހަގަކުރައްވާފައެވެ.