ޑީއެންއޭ ހަދައިގެން ލިބޭ ހެކިތައް ޒިނޭގެ މައްސަލަތައް ސާބިތުކުރުމުގައި ބޭނުންކުރެެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
އެކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ ފިރިހެނެއްގެ މައްޗަށް ކުރި ޒިނޭގެ ދައުވާއެއް ސާބިތުނުވާ ކަމަށް ހައި ކޯޓުން ނިންމި ނިންމުމެއްގެ އިސްތިއުނާފު މައްސަލައެއްގައެވެ. ދައުލަތުން ފިރިހެނެއްގެ މައްޗަށް ކުރި ޒިނޭގެ ދައުވާ ސާބިތުނުވާ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ. އެ މައްސަލާގައި ހިމެނޭ އަންހެން މީހާ ކޯޓުގައި ބުނެފައިވަނީ އޭނާ ވިހޭ ދަރިއަކީ އެ ފިރިހެންމީހާގެ ދަރިއެއްކަމަށެވެ. އަދި އެކުއްޖާގެ ޑީއެންއޭވެސް އެ ފިރިހެންމީހާއާ ދިމާވި ނަމަވެސް ހައިކޯޓުން ނިންމާފައިވަނީ ޑީއޭންއޭ ފަދަ ޤަރީނާތައް ބޭނުންކޮށްގެން ޒިނޭގެ ދައުވާ ސާބިތު ނުކުރެވޭނެ ކަމަށާއި އެކަން އިސްލާމީ ޝަރީއަތާ ޚިލާފުކަމަށެވެ.
މި މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ނިންމެވި ނިންމެވުމުގައި ވަނީ އިސްލާމީ ޝަރީއަތުގައި ޒިނޭގެ ކުށް ސާބިތުކުރެވޭނީ ހަތަރު ފިރިހެނުންގެ ހެކިބަހުން ނުވަތަ އަމިއްލަ އިއުތިރާފުންކަމަށެވެ. އަދި މި ފަދަ މައްސަލަތަކުގައި ކުށް ސާބިތުކުރެވޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް އެކުށެއް ސާބިތުވުމުން ކަމަށާއި ޑީއެންއޭއާއި ސައިންޓިފިކް ޤަރީނާތަކުން މި ފަދަ މައްސަލަތަކުގައި އެ މިންވަރަށް ކުށް ސާބިތުނުކުރެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވާކަމަށެވެ. އެހެންކަމުން މި ފަދަ މައްސަލަތަކުގައި ޑީއެންއޭއާއި ސައިންޓިފިކް ޤަރީނާތަކަށް ބަލާ އެއްވެސް ގޮތަކަށް ހައްދުގެ އަދަބެއް ނުދެވޭނެކަމަށްވެސް އެހުކުމްގައިވެއެވެ.
ސުޕްރީމް ކޯޓްގެ ހުކުމުގައި ވަނީ ޑީއެންއޭ އާއި ސައިންޓިފިކް ޤަރީނާތަކަކީ އެ ޤަރީނާއަށް ބާރުދެނިވި އެހެން ހެކި ނުވަތަ ބާރުގަދަ އެހެން ޤަރީނާތައް ހުރެއްޖެނަމަ ހައްދުގެ މައްސަލަތައްވެސް ތައުޒީރީ މިންގަޑަކުން ސާބިތުކުރުމަށް ފުދޭނެ ވަސީލަތްތަކެއް ކަމަށެވެ. އެހެންކަމުން ޤަރީނާތައް ބޭނުންކޮށްގެން ހައްދު ޤާއިމުކުރެވޭނެ މިންވަރަށް ކުށް ސާބިތު ނުކުރެވުނުނަމަވެސް އެ ފަދަ ހެކިތަކަށް ބިނާކޮށް ތައުޒީރީ އަދަބެއް ދެވިދާނެކަމަށެވެ. އަދި އިސްލާމީ ތާރީޚުން އުމަރުގެފާނުގެ ދައުރުގައި ހިނގާފައިވާ މި ފަދަ މައްސަލައެއް ހުކުމްގައިވަނީ ފާހަގަކުރައްވާފައެވެ.
އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މިންގަނޑުން ކުށް ސާބިތުވާ މިންވަރަށް ހެކި ހުރިނަމަ އެ ހެކިތަކަށް ބިނާކޮށް މިފަދަ މައްސަލަތަކުގައި އިސްލާމީ ބައެއް ޤައުމުތަކުގައި ތައުޒީރީ އަދަބު ދެމުން އަންނަކަންވެސް ސުޕްރީމް ކޯޓްގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އުސްމާނުގެފާނުގެ ދައުރުގައިވެސް އެފަދައިން އަމަލުކޮށްފައިވާކަންވެސް ހުކުމުގައިވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖޭގެ ޤާނޫނުލް އުގޫބާތުގައިވެސް މިކަން މިގޮތަށް އޮތްކަން ފާހަގަކޮށް ސުޕްރީމު ކޯޓުގެ ހުކުމުގައިވަނީ އޭގެ މަގްސަދަކީ ތައުޒީރީ އަދަބު ދިނުންކަމަށެވެ. ހައިކޯޓްގެ މައްސަލަ ނިންމާ ސުޕްރީމް ކޯޓުން އިއްވި ހުކުމުގައިވަނީ ހައިކޯޓުން އެ މައްސަލަ އަލުން ބެލުމަށް ފޮނުވަން ނިންމަވާފައެވެ.