އިބްރާހީމް އިސްމާއީލް (އިބްރާ) ގެ މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް ކޯޓުން ކުރި ހުކުމުގައިވާ މުއްދަތުގެ ތެރޭގައި ބަދަލު ދީފައި ނުވާތީ އިބްރާ ދައުވާކޮށްފިއެވެ.
އެ މައްސަލަ ސިވިލް ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅީ މިިދިޔަ މެއި މަހުގެ ތެރޭގައެވެ. ނަމަވެސް ރަޖިސްޓްރާ ވަނީ މައްސަލަ ބަލަނުގަނެވޭނެ ކަމަށް ނިންމާފައެވެ. އެކަމަކު އިބްރާ އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހުގައި އިލްތިމާސް ކުރުމުން ފަނޑިޔާރުންގެ މަޖިލީހުން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި މައްސަލަ ބަލައިގެންފައެވެ. މަންދު ކޮލެޖަށް ލިބުނު ގެއްލުމުގެ މައްސަލާގައި އިބްރާ ގެންދަވަނީ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ މައްޗަށް ވެސް ދައުވާ ކުރުމަށް ތައްޔާރުވަމުންނެވެ. އަދި އިބްރާ ވަނީ މިހާރުގެ މިނިސްޓަރ ޑރ.އައިޝަތު އަލީ ގާނޫނުއަސާސީއާ ހިލާފު ވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.
މަންދު ކޮލެޖް ހިންގުމަށް ކުރީގެ އެމްއީއެސް އިމާރާތް ދޫކޮށްފައިވަނިކޮށް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކޮށް އެ ތަން އަތުލާފައެވެ. ސަރުކާރުން އެއްބަސްވުން ބާތިލުކުރީ އެއްބަސްވުމާއި އެއްގޮތަށް އެތަނުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގަމުން ނާންނަކަމަށް ބުނެއެވެ. އެއްބަސްވުން ބާތިލުކުރުމުން މާލޭހައި ޕްރައިވެޓް ލިމިޓެޑުން އެ މައްސަލަ ސިވިލްކޯޓަށް ހުށައެޅިއެވެ. އެކޯޓުން ނިންމާފައިވަނީ ދައުލަތުން އެއްބަސްވުން ބާތިލުކުރީ ގޯސްކޮށްކަމަށެވެ. ދަށުކޯޓްގެ މި ނިންމުމަށް ހައިކޯޓުންވެސް ވަނީ ތާއިދުކޮށްފައެވެ.
ދެ ކޯޓުންވެސް މައްސަލަ ނިންމާފައިވަނީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި ދައުވާކުރެވޭނެކަމަށް ނިންމުމަށްފަހުއެވެ. އެއްބަސްވުމާއި ހިލާފަށް ތަން އަތުލުމުން އިތުރު ތަނެއް ހޯދާ ކުރަންޖެހުނު ހަރަދުގެ ގޮތުގައި މާލޭހައި ޕްރައިވެޓް ލިމިޓެޑުން ވަނީ ބަދަލެއްގެ ގޮތުގައި 18,012,500ރ. (އަށާރަ މިލިއަން ބާރަހާސް ފަސްސަތޭކަ ރުފިޔާ) ހޯދަން ދައުވާކޮށްފައެވެ. އެ މައްސަލައިގައި މިމަހުގެ 19 ވަނަ ދުވަހު ސިވިލްކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނުން ނިންމި ނިންމުގައިވަނީ މަންދު ކޮލެޖް، އެ ޢިމާރާތުން ބޭރުކޮށްލުމުގެ ސަބަބުން، ވަގުތުން ވަގުތަށް ކޮލެޖްގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ތަނެއް ހޯދާ، ތަން ހިންގުމުގެ އާލާތް ހޯދައި، ކުލިދައްކައި ހެދުމަށް މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް ސީދާ ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 15,012,500ރ. (ފަނަރަ މިލިއަން ބާރަހާސް ފަސްސަތޭކަ ރުފިޔާ) ދެއްކުމަށް އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވެފައިވާކަމަށެވެ.
މިއާއެކު ދެފަރާތުގެ ދެމެދުގައި އެއްބަސްވި ގޮތުގެ މަތިން މާލޭހައި ޕްރައިވެޓް ލިމިޓެޑަށް -/15,012,500ރ. (ފަނަރަ މިލިއަން ބާރަހާސް ފަސްސަތޭކަ ރުފިޔާ) ދައުލަތުން އެއް މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާޞް ކުރުމަށް ކޯޓުން ހުކުމް ކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ