ކޮލަމްބިއާގައި މިހާރު ހުރި އެންމެ ވަރުގަދަ ޑްރަގް ޑީލަރު އެގައުމުގެ އޮތޯރިޓީތަކުން ހައްޔަރު ކޮށްފިއެވެ. އަދި ކޮލަމްބިއާގެ އޮތޯރިޓީތަކުން އޭނާ ހައްޔަރު ކުރުން ވެގެން ދިޔައީ ފާއިތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި، ކޮލަމްބިއާގެ ޑްރަގް ޓްރެފިކް ކުރާ ފަރާތްތަކަށް ކުރިމަތިވެގެންދިޔަ އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައެވެ.
"އޮޓޯނިއެލް"ގެ ނަމުން މުޚާތަބް ކުރެވޭ، ކޮލަމްބިއާ ސަރުކާރުން ހޯދަމުންދިޔަ ޑްރަގް ޑީލަރު ހައްޔަރު ކޮށްފައިވާކަން މިއަދު ގައުމީ ޓީވީ މެދުވެރިކޮށް އިއުލާން ކުރައްވާފައިވަނީ އެގައުމުގެ ރައީސް އިވާން ޑޫކިއު މާކުއެސްއެވެ.
"އޭނާ ހައްޔަރު ކުރެވުން އަޅާ ކިޔާލެވޭނީ 90ގެ އަހަރު ތަކުގައި ޕަބްލޯ އެސްކޮބަރގެ ކިބައިން ސަލާމަތް ވެގެންދިޔަ ދިއުމެއްގެ ގޮތުގައި،" ޑޫކިއު ވިދާޅުވިއެވެ. ޕަބްލޯ އެސްކޮބާއަކީ، 1993 ވަނަ އަހަރު މަރާލެވުނު، މަސްތުވާތަކެތީގެ ވިޔަފާރިން މުއްސަދިވެ އޭރުގެ މަލްޓި މިލިއަނަރެއްގެ ގޮތުގައި އުޅެމުންދިޔަ ޑްރަގް ޑީލަރެކެވެ.
"އޮޓޯނިއެލް އަކީ ދުނިޔޭގައި ހުރި އެންމެ ނުރައްކާތެރި ޑްރަގް ޓްރެފިކަރ، އެތައް ފުލުހުންނެއް، ސިފައިންނެއް، އިޖުތިމާއީ މީހުންނެއް އަދި އެތައް ކުޑަކުދިންނެއްގެ ގާތިލު،" ކޮލަމްބިއާގެ ރައީސް ވިދާޅުވިއެވެ.
އުމުރުން 50 އަހަރުގެ އޮޓޯނިއެލް ހައްޔަރު ކޮށްފައިވަނީ، ކޮލަމްބިއާގެ އުރަބަ ރީޖަންގައި އޮންނަ ރަށްފުށު ސަރަހައްދުގައި ކޮލަމްބިއާގެ އޮތޯރިޓީތަކުން ހިންގި ޚާއްސަ އޮޕަރޭޝަންއެއްގައެވެ. މީޑިއާ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި މި އޮޕްރޭޝަންގައި ޕޮލިސް އޮފިސަރަކުވަނީ މަރުވެފައެވެ.
އޮޓޯނިއެލް އަކީ، "ކްލޭން ޑެލް ގޮލްފޯ" ޑްރަގް ކާޓެލްގެ ލީޑަރެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ، މިއީ ވަރަށް ވަރުގަދައަށް ހަތިޔާރު އެލި ކާޓެލްއެއް ކަމުގައެވެ.
2009 ވަނަ އަހަރު ނިއުޔޯކުގެ ސަދަރން ޑިސްޓްރިކްޓްއިންވަނީ އޮޓޯނިއެލްގެ މައްޗަށް ދައުވާ އުފުލާފައެވެ. އަދި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުންވަނީ އޭނާ ހައްޔަރު ކުރެވޭފަދަ މައުލޫމާތެއް ދިން ފަރާތަކަށް 5 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ. އަދި ކޮލަމްބިއާއިން ވަނީ އޭނާ ހައްޔަރު ކުރުމަށް އެހީތެރިވެދިން ކޮންމެ ފަރާތަކަށްވެސް 3 ބިލިއަން ކޮލަމްބިއަން ޕެސޮސް (800،000 ޑޮލަރު)ގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ.