ޖަރުމަނު ލީގު: ބަޔާން އާއި ޑޯޓްމަންޑަށްވެސް މޮޅެއް

ޖަރުމަނު ލީގު: ބަޔާން އާއި ޑޯޓްމަންޑަށްވެސް މޮޅެއް

ޖަރުމަނު ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާ ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުވެސް ކާމިޔާބުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ ހޮފެންހައިމް އާއި ވާދަކޮށް 4-0 ގެ ނަތީޖާއަކުންނެވެ. އަދި ވާދަވެރި ޑޯޓްމުންޑް މޮޅުވީ ރަށުން ބޭރުގައި ކުޅެ އާމީނިއާ ބީލެފެލްޑް އަތުން 3-1 ގެ ނަތީޖާއަކުންނެވެ.

ބަޔާން އާއި ހޮފެންހެއިމް ބައްދަލުކުރި މެޗުގައި ބަޔާނުން ޖެހި ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ސާޖް ގްނަބްރީއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާނުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ރޮބާޓް ލެވަންޑޯސްކީއެވެ.

މި މެޗުގައި ބަޔާނުން ޖެހި 3 ވަނަ ލަނޑާއި 4 ވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފަހުކޮޅުއެވެ. އެގޮތުން 3 ވަނަ ލަނޑު 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެރިކް މެކްސިމް ޗޮޕޫ-މޯޓިންއެވެ. އަދި 4 ވަނަ ލަނޑު 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ކިންގްސްލީ ކޯމަންއެވެ.

މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ބަޔާން މިއުނިކް އޮތީ 9 މެޗުން ހޯދި 22 ޕޮއިންޓާއެކުއެވެ. އަދި ހޮފެންހައިމް އޮތީ 9 މެޗުން ލިބުނު 11 ޕޮއިންޓާއެކު، 11 ވަނައިގައެވެ.

މީގެ އިތުރުން ޖަރުމަނު ލީގުގައި ރޭ ޑޯޓްމަންޑުން ވަނީ އާމީނިއާ ބީލެފެލްޑް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މި މެޗުގައި ޑޯޓްމަންޑުގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އެމްރޭ ޗޭން، މެޓް ހަމެލްސް އަދި ޖޫޑް ބެލިންހަމެވެ. ބީލެފެލްޑްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ލިބުނު ޕެނަލްޓީއަކުން ފަބިއަން ކްލޯސްއެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި ބަޔާން އޮތީ ކުޅުނު ނުވަ މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ޑޯޓްމުންޑަށް ވަނީ ނުވަ މެޗުން 21 ޕޮއިންޓް ލިބިފައެވެ. އަދި ތިން ވަނައިގައި އޮތީ ހޮނިހިރު ދުވަހުގެރޭ ވުލްފްސްބާގް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވި ފްރެއިބާގެވެ. އެ ޓީމަށް ވަނީ ނުވަ މެޗުން 19 ޕޮއިންޓް ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *