ރާއްޖެއިން އިތުރު 131 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި 131 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 44 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 77 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 7 މީހަކާއި، ސަފާރީތަކުން 3 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 86،550 އަށް އަރާފައެވެ. ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައް މާބޮޑަށް އިތުރުނުވެ ހިފެހެއްޓިފައިވާއިރު، ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވެސް ވަނީ ދަށަށް ދާން ފަށާފައެވެ. އެގޮތުން މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 1379 މީހުންނެވެ. މީގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 17 މީހަކަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 62 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 84،918 އަށް އަރާފައެވެ. އަދި ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،889 ސާމްޕަލެއް ވަނީ ކޯވިޑަށް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 240 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.