ނާއިބް ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށައަޅާފައިވާ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓްގައި ފެށުމަށް ތަވަލު ކޮށްފިއެވެ.
ސުޕްރީމްގެ ކޯޓްގެ ތާވަލަށް މި މައްސަލަ ލާފައިވާއިރު ފުރަތަމަ އަޑުއެހުން އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. މަގާމުން ދުރުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުއްވީވެސް ޑރ.ޖަމީލެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެމަނިކުފާނު ހުށައެޅުއްވި އެ މައްސަލާގައި ވަނީ މަގާމުން ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ. ޖަމީލްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓް ރައްޔިތުންގެ މަޖިލީހުގައި ނަގައި މަގާމުން ދުރުކުރީ 21، ޖުލައި 2015 ގައެވެ. ޖަމީލް ބޭރު ކުރަން 78 މެންބަރުން ވޯޓް ދެއްވި އެވެ. ދެކޮޅަށްވޯޓް ދެއްވީ ދެމެންބަރުންނެވެ.
ޖަމީލް ނައިބު ރައީސް ކަމުން ވަކި ކުރެއްވުމުގެ މަސައްކަތް އޭރުގެ ޕީޕީއެމްގެ މެމްބަރުން ކުރިއަށް ގެންދަނިކޮށް އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު އިނގިރޭސިވިލާތުގައި މަޑުކުރެއްވި އެވެ. ޖަމީލް އެބުރި ރާއްޖެ ވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިންތިޚާބްވެ ވަޑައިގެންނެވި ފަހުންނެވެ. ޖަމީލަށްފަހު ނައިބް ރައީސްގެ މަޤާމާއި ހަވާލުވެ ވަޑައިގެންނެވި އަހުމަދު އަދީބްވަނީ ރިޔާސީ ލޯންޗު ކޮޅުގައި ގޮއްވާލި މައްސަލާގައި ހައްޔަރުކޮށްފައެވެ.
އަދީބަށްފަހު ނައިބް ރައީސްކަމާއި ހަވާލުވެ ވަޑައިގެންފައިވަނީ އަބްދުﷲ ޖިހާދެވެ. ރިޔާސީ ނިޒާމުގެ ތެރެއިން ރާއްޖޭގައި މިހާތަނަށް އުފެދުނު ވެރިކަންތަކުގައި އެންމެގިނަ ނައިބްރައީސުން އައްޔަންކުރެއްވި ބޭފުޅަކީވެސް ރައީސް ޔާމީންނެވެ. އެމަނިކުފާނު ވަނީ 3 ނައިބް ރައީސުން ޓެސްޓު ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ