ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތައް ދެނެގަތުމަށް، ޢިލްމީ ދިރާސާއެއް ހަދަނީ

ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތައް ދެނެގަތުމަށް، ޢިލްމީ ދިރާސާއެއް ހަދަނީ

Author
މުޙައްމަދު ޝަޒައިމް
17 އޮކްޓޯބަރ 2021 10:15
0

ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ ކަންތައްތައް މިހާރުހުރި ގޮތާބެހޭ ޢިލްމީ ދިރާސާއެއް ވަރަށް އަވަހަށް ހެދުމަށް ނިންމާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވެވި ޖަލްސާގައި، ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މިއަދު ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 6498 ދާއިމީ ދިވެހި މުދައްރިސުން އެބަ މަސައްކަތް ކުރައްވާކަމަށެވެ. ރާއްޖެއިން ބޭރުގެ 1730 މުދައްރިސުންނާއި، 891 ވަގުތީ މުދައްރިސުންނާއެކު، ޖުމްލަ 9119 މުދައްރިސުން މިހާރު ރާއްޖޭގައި އެބަ މަސައްކަތް ކުރައްވާކަމަށެވެ. މި ޢަދަދުތަކަށް ބަލާއިރު، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ވަގުތީ ޓީޗަރުންގެ ޢަދަދު، އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންކަމަށާއި، މިކަމަށް އަވަސް ޙައްލެއް ހޯދަން މަސައްކަތް ނުކޮށްފިނަމަ، ތަޢުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުންނާއި، ތަޢުލީމީ މަންހަޖު ތަރައްޤީ ކުރާނެ މީހުންނާއި، އަދި ޕްރިންސިޕަލުން ރާއްޖެއިން ނުލިބުމުގެ ބިރު ވަރަށް ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ.

މިކަން މިގޮތަށް ދޫކޮށްލެވިއްޖެނަމަ، އަޅުގަނޑުމެންގެ ކުރިމަގުގެ ޖީލަކީ، ޢިލްމީ ގޮތުންނާއި، ވިސްނުމުގެ ގޮތުންނާއި، ފަންނީ ގޮތުން، އަޅުގަނޑުމެން މި ބޭނުންވާފަދަ އީޖާދީ ވިސްނުމުގެ އަހުލުވެރި ބަޔަކަށް ނުވުމަކީ ވަރަށް އެކަށީގެންވާ ކަމެއް. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ހުރި މިފަދަ މައްސަލަތަކާމެދު ޢިލްމީ ދިރާސާތަކެއް އެބަ ހަދަންޖެހޭ. ތަޢުލީމީ ދާއިރާއަށް މީހުން ޝައުޤުވެރިނުވާ ސަބަބުތަކަކީ ކޮބައިކަން ސާފުކޮށް އެނގޭނީ، ޢިލްމީ ގޮތެއްގައި އެކަންކަން ހޯދައި ބަލައިގެން.

– ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިކަމުގައި އެމަނިކުފާނުގެ އެޑްވައިޒަރ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، އާއި މަޝްވަރާ ކުރެއްވިކަމަށެވެ. އަދި އެމަނިކުފާނުގެ އަރިހުގައި މިކަމާ ދޭތެރޭގައި ކޮންމެވެސްކަހަލަ ލިޔުމެއް ތައްޔާރުކޮށްލައިގެން ގެނެސް ދިނުމަށް ދެންނެވުމުން އެކަން ކޮށްދެއްވިކަމަށެވެ. އެގޮތުން 1970 ވަނަ އަހަރުން ފެށިގެން މިއަދާ ހިސާބަށް، ރާއްޖޭގެ ތަޢުލީމީ ނިޒާމު ހިނގަމުން އައިގޮތާއި، އޭރު މުދައްރިސުންނަށާއި ޓީޗަރުންނަށް އޮތް އިޙްތިރާމާއި ޤަދަރާއި، އެ ބަދަލުވުން މިހާތަނަށް އައިގޮތުގެ ވަރަށް ތަފްޞީލީ ކަރުދާހެއް މުސްތަފާ ޙިއްޞާ ކުރެއްވިކަމަށެވެ.

ވިދާޅުވި އަދި އޭގެއިތުރަށް، މިކަމުގައި ޢިލްމީ ދިރާސާއެއް ކޮށްފައި ނޫނީވިއްޔާ މިއާ ދޭތެރޭގައި ކުރިއަށްދާނެ ގޮތެއް ނުނިންމަވާށޭ. އެހެންކަމުން، ސަރުކާރުން އަޅުގަނޑު މި ގަޞްދު ކުރަނީ، ޑޮކްޓަރ މުޞްޠަފާ އެ ވިދާޅުވިގޮތަށް، ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ ކަންތައްތައް މިހާރުހުރި ގޮތާބެހޭ ޢިލްމީ ދިރާސާއެއް ވަރަށް އަވަހަށް ކުރުމަށް. ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ދިވެހިންގެ ޙިއްޞާ އިތުރުކުރުމަކީ، އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް، އެކަކު އަނެކަކަށް އަޅައިލާ އޯގާތެރިކަމާއި އެކުވެރިކަމާއެކު ދިރިއުޅޭ ރައްޔިތެއް ބިނާކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް. އަދި ދިވެހި ޤައުމިއްޔަތާއި ދިވެހިބަހާއި ރާއްޖޭގެ ސަގާފަތަށް ކުދިންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށްޓަކައިވެސް ވަރަށް ބޭނުންތެރި ކަމެއް.

– ރައީސް ވިދާޅުވިއެވެ.

2019 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި އެކިއެކި ވަނަވަތައް ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއާއި ދައުލަތުގެ އިސްވެރިންނެވެ.

މަތީ ޘާނަވީ އިމްތިޙާނުތަކުން އެންމެ މަތީ ވަނަތައް ޙާޞިލުކޮށް މިރޭ އިނާމު ޙާޞިލުކުރާ ދަރިވަރުންނާއި މުހާތަބް ކުރައްވާ ރައީސް ސާލިހު ވިދާޅުވީ އެ ކުދިންގެ ޙަޔާތުގައި މިހާރު އާދެވިފައި އެ ތިބީ ވަރަށް މުހިންމު ހިސާބަކަށްކަމަށެވެ. އަދި މަތީ ޘާނަވީ ނިންމައި މަތީ ތަޢުލީމަށް ކުރިމަތިލާއިރު، ޙަޤީޤަތުގައި އެ ފެށެނީ، ޤައުމު އާރާސްތު ކުރުމުގެ މަސައްކަތަށް ދަރިވަރުންގެ ވިސްނުން އަމާޒު ކުރަންވީ މަރުޙަލާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުދުހުދު
މިތިބަ ގަމާރުންނޭ އެއީ ދިވެހިންނަށްދޭ މުސާރައާއި އެލަވަންސް މަދުވީމާ…..މިނޫން އެއްވެސް ކަމެއް ދިރާސާ އަކުން ނުހޯދޭނެ..ބަނޑޭ ކިޔައިގެން އޮޅުވާލަން އުޅޭނެ ކަމެއްނެތް..އިސްތިޢުފާދީފަ ރައްކާވޭ