ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.
އެވްޕީއޭއިން ބުނެފައިވަނީ ނިޔާވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިމީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 7:45 ހާއިރުކަމަށެވެ. މިމަރާއިއެކު ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަަދަދުވަނީ 238 އަށް އަރާފައެވެ.
ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި 111 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 13 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 84 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 14 މީހަކުވެސް މީގެތެރޭގައި ހިމެނެއެވެ.
އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 86088އަށް އަރާފައެވެ. ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައް ދާދި އެއްވަރެއްގައި ހިފެހެއްޓިފައިވާއިރު، ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވެސް ވަނީ ދަށަށް ދާން ފަށާފައެވެ. އެގޮތުން މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 1251 މީހުންނެވެ. މީގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 17 މީހަކަށެވެ.