މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ކުއްޔަށް ދެއްވުމަށް 2010 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު ހެދި އެއްބަސްވުމުގެ ހަގީގަތް، މިއެއްބަސްވުން ހެދި ކެބިނެޓްގައި އިސްކޮށް ހަރަކާތްތެރިވި ވަޒީރަކު ވަނީ ކިޔައި ދެއްވާފައެވެ.
ޖީއެމްއާރަށް މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ދީފައިވަނީ، އޭރުގެ ރައީސް މުހައްމަދު ނަޝީދު 78 މިލިޔަން ޑޮލަރު ބޭނުން ވުމުން ކަމުގައި އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނި ވަޑައިގެންވި ޓުވަރިޒަމް މިނިސްޓަރ ޑރ.މަރިޔަމް ޒުލްފާ ވަނީ ވިދާޅުވެފައެވެ. ޒުލްފާގެ މިވާހަތަކަކީ މިހާރުވެސް އޮތް އެމްޑީޕީގެ ވެރިކަމެއްގައި ހިނގައިދިޔަ ކަންތއްތަކެއްގެ ހަގީގަތެވެ. މިހަގީގަތަކީ ރައީސް ނަޝީދާއި، އެމްޑީޕީގެ އިސް ބޭފުޅުންނަށް ހަޖަމް ކުރަން އެހާ ފަސޭހަ ކަމަކަށް ނުވިއެވެ.
ޒުލްފާގެ ވާހަކަތަކާއި ގުޅިގެން އިންޑިއާއާއި ގާތް ގުޅުމެއް އޮތް މިސަރުކާރުންވެސް ވަނީ ޖީއެމްއާރުގެ ދިފާއުގައި ނިކުންނަވާފައެވެ. ޖީއެމްއާރުގެ ދިފާއުގައި މާލީ ވަޒީރު އިބްރާހިމް އަމީރުގެ ވަހަކަ ގުޅުވާލީ ދައުލަތުގެ މާލިއްޔާއާއިއެވެ. އިޤްތިޞާދީ ގޮތުން ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެ، އިންޑިއާގެ ބޮޑެތި ލޯނުތަކެއް ސަރުކާރުން ނަގާފައިވާ މިހާލަތުގައި ޖީއެމްއާރުގެ ދިފާއުގައި މިނިސްޓަރ އަމީރު ނެރުއްވި ބަޔާނަށް، ޖީއެމްއާރާއިއެކު އެއްބަސްވުން ހެދި ރައީސް މުހައްމަދު ނަޝީދު ވަނީ ތާއީދު ކުރައްވާފައެވެ.
ޖީއެމްއާރު އެއްބަސްވުމުގެ ވާހަކަ ކުއްލިއަކަށް ފެންމަތިކޮށް، ޖީއެމްއާރުގެ ދިފާއުގައި ސަރުކާރުން ނިކުންނަން ޖެހުނީ އެކަމުގައި އަޑި ނޭގޭ ކަންތައްތަކެއް އޮތޮމުންކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ދަނީ ކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ، ރާއްޖެ ބޮޑުތަނުން ދަރަނިވެރި ވެފައިވާ މިހާލަތުގައި އިންޑިއާ ރުއްސައި އަނެއްކާވެސް އެއާޕޯޓް ބޭރުގެ ބަޔަކަށް ނުވަތަ ޖީއެމްއާރަށް ދިނުމަކީ ސަރުކާރުގެ ވިސްނުންކަމަށެވެ. ނަމަވެސް ދިވެހިންގެ އެއާޕޯޓަކީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި ގުޅިފައިވާ ތަނެއްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. ޖީއެމްއާރަށް އެއާޕޯޓް ދިނުން ސަރުކާރުން ދިފާއުކުރިއިރު މިސަރުކާރުގެ އެކި މަޤާމުތަކުގައި ޖީއެމްއާރު އެއްބަސްވުމާއި ދެކޮޅަށް މުޒާހަރާކޮށް އެކި ހަރާކްތައް ހިންގި އިސް މީހުން އެބަތިއްބެވެ. އަދި ސަރުކާރު ކޯލިޝަން ލީޑަރުންގެ ގޮތުގައި ތިއްބެވި ގިނަ ބޭފުޅުންނަކީވެސް މި އެއްބަސްވުމާއި ދެކޮޅަށް ބޮލުގައި ފޮތިބަދެ ކަނޑު މަތީގައާއި މަގު މަތީގައިވެސް މުޒާހަރާ ކުރި ބޭފުޅުންނެވެ.
މިނިސްޓަރ އަމީރު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމަކީ އެމަނިކުފާނު ދެކޭ ގޮތުގައި ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެއަރޕޯޓު އަތުލުމުގެ ސަބަބުން ރާއްޖެއިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނުކަމަށެވެ. އަދި އެއަރޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް އޭރުގެ ސަރުކާރަށް ދެން ޖެހުނީ ބަޖެޓުން އެއަރޕޯޓް މަޝްރޫއަށް ފައިނޭންސް ކުރަންކަމަށްވެސް އަމީރު ވިދާޅުވިއެވެ.
މިކަމަށްޓަކައި 1 ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި ވަނީ އިތުރުވެފައި. މިކަމަށް ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ވަނީ ޖާގަ ނުދެވިފައި.
– އަމީރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުމާއެކު ކުރިއަށް ދިޔަނަމަ 2014 ވަނަ އަހަރު އެއަރޕޯޓް މަޝްރޫއު އޮންނާނީ ނިމިފައިކަމަށެވެ. ނަމަވެސް 7 އަހަރު ވެގެން ދިޔަ އިރުވެސް އެމަސައްކަތް ދަނީ އަދިވެސް ކުރަމުންކަން އަމީރު ފާހަގަކުރެއްވިއެވެ. އަމީރު ވިދާޅުވީ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން އުވާލައިފމ، އެއަރޕޯޓް ތަރައްގީ ހުއްޓުމުން ޓޫރިޒަމް އާމްދަނީން ރާއްޖެއަށް 13.2 ބިލިއަން ޑޮލަރު ގެއްލިގެންދިޔަކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިއީ އެތައް ބަޔަކަށް ގެއްލިގެން ދިޔަ ވަޒީފާގެ ފުރުސަތުތަކެއްކަމާއި އަދި މިއީ އެތައް އާއިލާއަކަށް ގެއްލިގެން ދިޔަ އާމްދަނީކަމަށެވެ.
މި އެއްބަސްވުން އުވާލެއްވީ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންގެ ސަރުކާރުން ކަމަށްވީނަމަވެސް، މި މަސައްކަތުގައި އޭރު ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު، އަދި ކުރީގެ ރައީސްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެމަނިކުފާނުގެ ޕާޓީ ޕީޕީއެމުންވެސް ވަނީ މިކަމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށްފަހުވެސް ވަނީ މި މައްސަލަ ޙައްލުކުރެއްވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.
ޖީއެމްއާރަށް އެއާޕޯޓް ދިނީ ނަޝީދު 78 މިލިޔަން ޑޮލަރު ބޭނުންވެގެން: ޒުލްފާ
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް 50 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން 2016 ވަނަ އަހަރުގެ މެއިމަހުގެ 6 ވަނަދުވަހު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ސަރުކާރުން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދެއްވި ދެއްވުމަކީ އިޤްތިޞާދީ ގޮތުން ހިންގެވި ބޮޑު ޖަރީމާއެއް ކަމަށެވެ. ރައީސް ވިދާޅުވީ އެއަރޕޯޓް ޖީއެމްއާރަށް ކުއްޔަށް ދެއްވިތާ އެއް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބިވަޑައިގަތީ އެންމެ 16 މިލިއަން ރުފިޔާ ކަމަށާއި، އެއީ އެންމެ އާދައިގެ ވިޔަފާރިއަކުންވެސް އަހަރު ދުވަހުގެ ތެރޭގައި ލިބޭނެ މިންވަރެއް ކަމަށެވެ.
އެއަރޕޯޓު ޖީއެމްއާރާ ޙަވާލުކުރެއްވުމުގެ ކުރިން ހަމައެކަނި 2000 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރަށް ބަލާއިރު ކޮންމެ އަހަރަކު އެވްރެޖްކޮށް 1.8 ބިލިއަން ރުފިޔާ ލިބޭކަމަށް ހިސާބުތަކުން ދައްކައެވެ. ޖީއެމްއާރާއި އެއަރޕޯޓު ޙަވާލުކުރެއްވުމުގެ ކުރިން އެއަރޕޯޓު ހިންގި ކުންފުންޏަށް މިވަރުގެ ޢާމްދަނީއަށް ލިބިފައިވާއިރު، ޖީއެމްއާރު އެއްބަސްވުން އުވާލެއްވުމަށްފަހުވެސް ގާތްގަނޑަކަށް މިހާވަރުގެ ޢާމްދަނީއެއް އެއަރޕޯޓުން ވަނީ ލިބިފައެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް އިންޑިއާގެ ޖީއެމްއާރާ އެކު ހެދި އެއްބަސްވުން އުވާލުމުގެ ސަބަބުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދައްކަން ޖެހޭނީ ގާތްގަނޑަކަށް 271 މިލިޔަން ޑޮލަރު، ދިވެހި ސަރުކާރުން އެ ކުންފުންޏަށް ދައްކައި ނިންމާފައިވަނީ 2016 ވަނަ ނޮވެމްބަރު މަހުގައެވެ.