އިންޑިއާ ސަފީރު ދިރިއުޅުއްވާ ފްލެޓް ކުރިމަތީ މުޒާހަރާކޮށްފި

އިންޑިއާ ސަފީރު ދިރިއުޅުއްވާ ފްލެޓް ކުރިމަތީ މުޒާހަރާކޮށްފި

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމްގެ މެންބަރުން އިންޑިއާ ސަފީރު ސަންޖޭ ސުދީރު ދިރިއުޅުއްވާ ފްލެޓް ކައިރީ ރޭ މުޒާހަރާކޮށްފިއެވެ.

ޕީޕީއެމުން އިންތިޒާމް ކުރި އެ މުޒާހަރާ ކުރިއަށް ގެންދިޔައީ ރޭގެ ވަގުތެއްގައެވެ. ސަންޖޭ ސުދީރު ދިރިއުޅުއްވާ ހުޅުމާލޭގެ ފްލެޓް ކައިރިއަށް ރޭ އެއްވި މީހުން ވަނީ އިންޑިއާގެ ސިފައިން ރާއްޖެ އިން ފޭބުމަށާއި އަދި ރައީސް ސޯލިހް ވެރިކަމުން އިސްތިއުފާ ދިނުމަށް ވެސް ގޮވާފައެވެ.

މުޒާހަރާ ފެށުމާއިއެކު ފުލުހުން ވަނީ އެސަރަހައްދަށް ގޮސް ސުދީރު ދިރިއުޅުއްވާ ފްލެޓް ކައިރިން މީހުން ދުރުކޮށް ބެރިކޭޑް ޖަހާފައެވެ. އެސަރަހައްދުން މީހަކު ހައްޔަރު ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ވެސް ފެނުނެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ކެމްޕޭން މިހާރު ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅުން ވެސް މިހާރު ވަރަށް ފާޅުގައި އިންޑިއާ އާއި ދެކޮޅަށް އާއްމުކޮށް ވާހަކަ ދައްކަވައެވެ. މީގެ ކުރިން އެބޭފުޅުން އެގޮތައް ވާހަކަފުޅެއް ނުދައްކަވައެވެ.

އިދިކޮޅު ކޯލިޝަނުން މިނިވަންކަމުގެ ދިފާޢުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑިއާ ސިފައިން ބޭލުމަށް ހަދާ ޕެޓިޝަންގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ ސޮއި ކުރަމުންނެވެ. މި ޕެޓިޝަނުގައި ބުނެފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ސަރުކާރުން އިންޑިޔާގެ ސަރުކާރާއެކު ސިއްރު ޢަސްކަރީ އެއްބަސްވުންތަކެއް ޤާއިމްކޮށް، އިންޑިޔާގެ ޢަސްކަރީ ބޭނުންތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދު ބޭނުންކުރުމުގެ ފުރުޞަތު ދީފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށް ކަމަށެވެ.

މި އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި ދިވެހިރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި، ދިވެހި ޤައުމުގެ މިނިވަންކަމަށް ބުރޫ އަރާފައިވާތީ، ދިވެހިރާއްޖޭގައި ޤާނޫނާއި ޚިލާފަށް މިހާރުތިބި އިންޑިޔާގެ އެންމެހާ އަސްކަރީ ފަރާތްތަކާއި ވަސީލަތްތައް ދިވެހިބަމުން ބޭލުމަށް އިންޑިޔާގެ ސަރުކާރުގައި އެދޭކަމަށްވެސް ޕެޓިޝަންގައި ގޮވާލާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *