ރާއްޖޭގައި އިސްލާމީ ޝަރީއަތުގައި ހުކުމްތައް ކަނޑައަޅުއްވާފައިގޮތަށް ކަންކަން ތަންފީޒު ނުވާތީ މިއަދު ޤައުމު އޮތީ ބޮޑު ބިރުވެރި ކަމެއްކަމުގައި ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނާއިބު ރައީސް ސަައުދުﷲ އަހުމަދު ވިދާޅު ވެއްޖެއެވެ.
އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އދ.ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ މަރާއި ގުޅިގެން ގިނަ ބަޔަކު ދަނީ ރާޢްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް ގޮވާލަމުންނެވެ. ދީނީ އިލްމުވެރިންނާއި، އާންމު ގިނަ ރައްޔިތުންވެސް ވަނީ މީހުން މަރާ މީހުންނަށް އިސްލާމީ ޝަރީއަތުގައި ބަޔާންކޮށްފައިވާ ގޮތަށް މަރަށް މަރު ހިފުމަށް ގޮވާލަމުންނެވެ.
މަރުތަކުގެ މައްސަލަތަކުގައި ކަންބޮޑޫވުން ފާޅުކުރައްވައި ސައުދު ވިދާޅުވީ، މިއީ ރާއްޖޭގައި އިސްލަމީ ޝަރީއަތް ތަންފީޒު ކުރަންވީ ވަގުތުކަމަށެވެ. މީހުން މެރުމާއި، ވައްކަމާއި، މިނޫންވެސް އިސްލާމްދީނުގައި ކަނޑައެޅިގެން ނަހީ ކުރައްވާފައިވާ ކަންކަމަށް އެއްވެސް ބިރެއްނެތި އަރައި ގަންނަ މީހުންގެ އަމަލުތަކަށް އިސްލާމީ ޝަރީއަތުގައި ބަޔާންކޮށްފައިވާ ގޮތަށް އަދަބު ކަނޑައެޅުމަކީ މުހިންމު ކަމެއްކަމަށެވެ.
ރާއްޖޭގައި އިސްލާމީ ޝަރީއަތް އޭގެ އެންމެ ފުރިހަމަ މާނައިގައި ތަންފީޒު ކުރަންޖެހޭ. މީހުން މެރުމާއި، ވައްކަން ކުރުމާއި، މިބާވަތުގެ ބޮޑެތި ކުށްތައް މީއެއްވެސް ކަމަކަށްނުވެ މުޅި ޤައުމު އޮތީ ބޮޑު ނުރައްކަލަކަށް ވެއްޓި، ބިރުވެރިކަމެއްގައި.
– ސައުދު ވިދާޅުވިއެވެ.
ދަނގެތީގައި އަނިޔާވެރިކޮށް މީހަކު މަރާލާފައިވާއިރު، މީގެ ކުރިންވެސް ގިނަ ބަޔަކު ވަނީ މަރާލާފައެވެ. މަރާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ނުލިބި ގިނަ ދުވަސް ތަކެއް ވާތީ ގިނަ ރައްޔިތުންގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. ޚާއްސަކޮށް މަރުތައް ބަލާ ކޮމިޝަނަށް އެކަށީގެންވާ ވަރާއި ގާތަށްވެސް މަަސައްކަތް ކުރެވިފައި ނުވާއިރު، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ކޮމިޝަނަށް އަމާޒުވެފައެވެ.