އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ރ. އިނގުރައިދޫ ދާއިރާގެ ވޯޓާއި ގުޅޭ ޝަކުވާތައް، ޝަކުވާ ހުށަހަޅާ ކޮމިޓީން ބެލުމަށްފަހު ދީފައިވާ ލަފައަށް އިންތިޚާބާ ބެހޭ ކޮމިޓީން ރިއާޔަތް ކުރުމަށްފަހު އެ ދާއިރާގެ ވޯޓު އަލުން ނެގުމަށް ނިންމައިފިއެވެ.
އެމްޑީޕީން ބުނެފައިވަނީ އެވޯޓުލުން އޮންނާނީ، 23 އޮކްޓޯބަރ 2021 ވާ ހޮނިހިރު ދުވަހު ހެނދުނު 9.00 ން ހަވީރު 5.00 އަށް ކަމުގައެވެ. އެގޮތުން ވޯޓުލުން އޮންނާނީ، ރ. އިނގުރައިދޫ ދާއިރާގެ ފައިނު، އިނގުރައިދޫ، އިންނަމާދޫ، ކިނޮޅަސް އަދި ރަސްމާދޫ ސްކޫލް ގައިކަމަށެވެ.
މީގެ އިތުރުން، ކޯވިޑްގެ ހާލަތާ ގުޅިގެން 25 ސެޕްޓެމްބަރ 2021 ގައި ވޯޓުލުން ކުރިއަށް ނުގެންދެވުނު ތ. ގުރައިދޫ ދާއިރާގެ ދިޔަމިގިލީގައިވެސް 23 އޮކްޓޯބަރ 2021 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9.00 ން ހަވީރު 5.00 އަށް އެރަށު ސްކޫލްގައި ވޯޓުލުން ކުރިއަށް ދާނެކަމަށް އެމްޑީޕީން ވެނީ ބުނެފައެވެ.
އިނގުރައިދޫ ދާއިރާ އަދި ތ. ގުރައިދޫ ދާއިރާގެ ދިޔަމިގިލީގެ ވޯޓުލުން މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެމް.ޑީ.ޕީގެ މައި ހަރުގޭގައެވެ. އަދި މާލޭގައި ބަހައްޓާ ތ. ގުރައިދޫ ދާއިރާގެ ވޯޓު ފޮށްޓަކީ ހަމައެކަނި އެދާއިރާގައި ހިމެނޭ ދިޔަމިގިލީގެ އެމް.ޑީ.ޕީ މެންބަރުންނަށް ވޯޓު ލުމަށް ބަހައްޓާ ފޮށްޓެއް ކަމުގައި ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ވާދަވެރި، މިއިންތިޚާބުގައި 47،100 މީހުން ވަނީ ވޯޓުލާފައެވެ. މިއީ ވޯޓުލާން ޖެހޭ މީހުންގެ ތެރެއިން %50.31 މީހުންނެވެ. އިންތިޚާބުގައި ވޯޓުލުމުގެ ޝަރުތު ހަމަވާ 93,612 މެމްބަރުން ތިބިކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 މީހަކުވަނީ އިންތިޚާބު ވެފައެވެ. ޤައުމީ މަޖިލީހަށް އިންތިޚާބަށް ހޮވުނު މީހުންގެ ތެރޭގައި ސަރުކާރުގެ ވަޒީރުންނާއި މަތީ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ފަރާތްތައް ހިމެނެއެވެ. އިންތިޚާބުގެ ވޯޓް ނެގުމުގެ ކުރީން 165 ކެންޑިޑޭޓަކު ވަނީ ހޮވިފައެވެ. މިބޭފުޅުން ހޮވިފައިވަނީ ކުރިމަތިލާންޖެހޭ އަދަދަށްވުރެ އިތުރަށް މެމްބަރުން ކުރިމަތި ނުލުމުންނެވެ. މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ ވާދަވެރި އިންތިޚާބެވެ.
ކޮމެންޓު ފޮނުވާ