އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފެތުރޭތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ، މިމަހުގެ މިހާތަނަށް އަރިދަފުސް ރޯގާގެ 11000އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި ފާއިތުވި މަސްތަކާއި އަޅާބަލާއިރު މިމަހު އިންފްލުއެންޒާއަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް އިތުރުވެފައިވާކަމަށް އެޗްޕީއޭއިން ބުންޏެވެ. އިންފްލުއެންޒާއަކީ ނޭވާލާ ނިޒާމުގައި އުފެދޭ ވައިރަލް ޖަރާސީމެއްގެ ސަބަބުން ޖެހޭ ރޯގާއެވެ.
މިގޮތުން މިމަހުގެ މިހާތަނަށް އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން 432 މީހުން ބައްޔަށް ޓެސްޓުކުރިކަމަށާއި މީގެތެރެއިން 192 މީހުންގެ ސާމްޕަލް އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މިމަހަކީ މިއަހަރު އިންފުލުއެންޒާއަށް އެންމެ ގިނަ މީހުން ޓެސްކުރި މަސްކަމަށާއި މިއަހަރުގެ މިހާތަނަށް 1198މީހުން ބައްޔަށް ޓެސްޓިކުރިކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. އެޗްޕީއޭއިން ވިދާޅުވާގޮތުން ޓެސްޓްކުރި މީހުންގެ ތެރެއިން 365 މީހުންވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ.
މިފަދަ ބަލިތަކުން ސަލާމަތްވުމަށް މިދުވަސްވަރު ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ރޯގާއިން ރައްކާތެރިވުމުގެ ގޮތުން، ކޯވިޑް19އިން ދިފާޢުވުމަށް އަޅަމުންދިޔަ ފިޔަވަޅުތައް ކުރިއަށްގެންދިއުމަށް ވަނީ އެދިފައެވެ.
ބަލިން ރައްކާތެރިވުމުގައި، އުމުރުން 5 އަހަރުން ދަށުގެ ކުދިންނާ، 65އަހަރުން މަތީގެ މީހުންނާ، މާބަނޑު މީހުންނާ، ދިގުމުއްދަތަށް ބޭސް ބޭނުންކުރާ މީހުންނާ، ދިފާޢީ ނިޒާމު ބަލިކަށިމީހުން އަދި ރޯގާގެ އެއްވެސް އަލާމާތެއް ފެންނަ މީހުން ޚާއްސަ ސަމާލްކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރިދަފުސް ރޯގާއާ ގުޅިގެން ސަމާލްކަން ދޭންޖެހޭ ކަންކަން:
– އަރިދަފުސް ރޯގާ ހުރިނަމަ ވީހާވެސް އަވަހަށް ކޮވިޑަށް ޓެސްޓުކުރުން
– ރޯގާއާ ކެއްސުންފަދަ އަލާމާތްތައް ހުރިނަމަ، އޯޕީޑީއަށް ނުގޮސް ފްލޫ ކްލިނިކްތަކަށް ޑޮކްޓަރަށް ދެއްކުން
– އާއްމު ތަންތަނުގަ މާސްކުއެޅުމާ، ގައިދުރުކަން އިސްކުރުން
– ރޯގާގެ އަލާމާތްތައް ހުރިނަމަ، އޮފީސް، ސްކޫލް ނުވަތަ މިފަދަ އާއްމު ތަންތަނަށް ނުގޮސް ގޭގަ މަޑުކުރުން
– ބަލީގަ ނުރައްކާވުމުގެ ފުރުޞަތު ބޮޑު މީހުން، އިންފްލުއެންޒާ ވެކްސިންޖެހުން އަދި ކޯވިޑް ދިފާޢު ވެކްސިން ނުޖަހާ މީހުން ވެކްސިން ޖެހުން.
– ޑޮކްޓަރަށް ދައްކަން ދާއިރު ވީހާވެސް މަދު މީހުން ދިއުމާ، ކޮންމެހެން ދާންޖެހޭ ހާލަތެއްގަ ނޫނީ ހޮސްޕިޓަލަށް ނުދިއުން
އެޗްޕީއޭއިން ވަނީ މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައިވެސް ދަނީ އެކި ކަހަލަ ރޯގާތައް ފެތުރެމުންނެވެ. އެހެންކަމުން މާލޭ ސަރަޙައްދުގެ އިތުރުން، އަތޮޅުތަކުގެ ރަށްތަކުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅު އިތުރުކުރުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ