އެޗްއާރުސީއެމްގެ ރައީސްކަމަށް މުނާ އައްޔަން ކުރަން ފާސްކޮށްފި

އެޗްއާރުސީއެމްގެ ރައީސްކަމަށް މުނާ އައްޔަން ކުރަން ފާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
14 އޮކްޓޯބަރ 2021 10:52
0

ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްކަމަށް މަރިޔަމް މުނާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓް އެންޑް ޖެންޑަރ ކޮމެޓީން ފާސްކޮށްފިއެވެ.

ހިއުމަންރައިޓް ކޮމިޝަންގެ ރައީސްއާއި، ނާއިބް ރައީސް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތައް ދިރާސާ ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓް އެންޑް ޖެންޑާ ކޮމެޓީންނެވެ. ރައީސުލްޖުމްހޫރިއްޔާ ނަންފުޅުތައް ފޮނުއްވި ގޮތަށް ކޮމެޓީން ފާސްކޮށްފައިވަނީ ބައިވެރިވި ވަޑައިގެންނެވި މެމްބަރުންގެ އައުލަބިއްޔަތުންނެވެ.

އެޗްއާރުސީއެމްގެ ރައީސްކަމުގެ މަޤާމަށާއި، ނާއިބް ރައީސްކަމަށް އައްޔަން ކުރަން ކޮމެޓީން ފާސްކުރި ދެބޭފުޅުންނާއި އިންޓައުވިއު ކޮށްފައިނުވެއެވެ. އިންޓަރވިއު ނުކުރީ، އެދެބޭފުޅުންނަކީވެސް ވަރަށް ފަހުން ކޮމިޝަނަށް އައްޔަން ކުރުމަށް ކޮމެޓީން އިންޓަރވިއުކޮށް، އެދެބޭފުޅުންގެ ހުރިހާ މައުލޫމާތެއް ހުރި ހުރި ބޭފުޅުންނަށް ވުމުންނެވެ.

އެޗްއާރުސީއެމްގެ ރައީސްކަމަށް އައްޔަން ކުރުމަށް ކޮމިޓީން ފާސްކޮށްފައިވާ މުނާ އެކޮމިޝަނަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މުނާ ވަނީ 2012 އޯގަސްޓް އިން 2014 އޮގަސްޓް 26 އާއި ހަމައަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ޑިރެކްޓަރ އޮޕަރޭޝަންސްގެ މަޤާމު އަދާކުރައްވާފައެވެ. އަދި ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަންވެސް އޭނާ އަދާކުރައްވާފައިވެއެވެ. މުނާއަކީ، އޮސްޓްރޭލިއާގެ އެޑިތް ކޮވާން ޔުނިވަރސިޓީގެ މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައިވާ ކަނބަލެކެވެ. މީގެ އިތުރުން މުނާ ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ޑިޕްލޮމާ އިން މެނޭޖްމެންޓް ވެސް ހާސިލް ކުރައްވައިފައެވެ.

ކޮމިޝަންގެ ނާއިބް ރައީސްކަމަށް އައްޔަން ކުރުމަށްކޮމިޓީން ފާސްކޮށްފައިވާ ޑރ.އަދުހަމް އެޗްއާރުސީއެމްގެ މެމްބަރަކަމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲ، ޑޮކްޓަރޭޓް އޮފް ފިލޯސޮފީ އިން ލޯ، ފުރިހަމަކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގް އިންނެވެ. ޑޮކްޓަރ އަޙްމަދު އަދުހަމްވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯގެ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވާފައެވެ. މީގެ އިތުރުން އެ މަނިކުފާނަކީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.