ރާއްޖެއިން އިތުރު 110 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި 110 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 26 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 75 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 9 މީހަކުވެސް މީގެތެރޭގައި ހިމެނެއެވެ.
އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 85،732 އަށް އަރާފައެވެ. ކޯވިޑް-19އަށް މިވަގުތު ފަރުވާ ހޯދަމުންދަނީ 1،192 މީހުންނެވެ. މީގެ ތެރެއިން މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 13 މީހަކަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 122 މީހުން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 84،292 އަށް އަރާފައެވެ. މިބަލީގައި މިހާތަނަށް 235 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.