ސްޕެނިޝް ލަލީގައި ރެއާލް ކުޅުނު މެޗު ކާމިޔާބުކުރި އިރު ބާސެލޯނާއަށް މޮޅެއް ނުހޯދި އަނެއްކާވެސް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ. ރެއާލް މެޑްރިޑުން އެޓީމު ކުޅުނު މެޗު ކާމިޔާބުކުރީ ހުއެސްކާ ވާދަކޮށް 4-1 ލަނޑުންނެވެ.
އަމިއްލަ ރަށުގައި ކުޅުނު މެޗުން މެޑްރިޑުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އަނިޔާއިން އެނބުރިއައި އެޑެން ހަޒާޑްއެވެ. މިއީ އެއްއަހަރު ފަހުން އޭނާ މެޑްރިޑަށް ކާމިޔާބުކޮއްދިން ފުރަތަމަ ލަނޑެވެ. އެންމެފަހުން ހަޒާޑް މެޑްރިޑަށް ލީގުގައި ލަނޑެއް ކާމިޔާބުކޮއްދިނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު ގްރެނަޑާ ދެކޮޅަށެވެ.
މެޗުގެ ރެއާލުން ޖެހި ފަހު ތިންލަނޑުގެ ތެރެއިން ދެލަނޑު ބެންޒީމާ ކާމިޔާބުކޮއްދިން އިރު އަނެއް ލަނޑު ކާމިޔާބުކޮއްދިނީ ފެޑްރިކޯ ވަލްވާޑޭއެވެ. ހުއެސްކާގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑޭވިޑް ފެރެއިރޯއެވެ.
ރޭ ލީގުގައި ބާސެލޯނާއިން ރަށުން ބޭރުގައި ޑިޕޯޓިވޯ އަލްވޭސްއާ ވާދަކޮށް ވަނީ 1-1 ލަނޑުން އެއްވަރުވެފައެވެ. މެޗުގެ ފުރަތަމަ ހާފްގައި އަލްވޭސްގެ ލުއިސް ރިއޯޖާ ލަނޑެއް ޖަހައި ކުރިހޯދާފަވަނިކޮށް ބާސާއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ ދެވަނަހާފްގައި އެންޓޮނީ ގްރީޒްމަން ކާމިޔާބުކުރި ލަނޑުންނެވެ. ގްރީޒްމަން މިލަނޑު ކާމިޔާބުކުރުމުގެ އިރުކޮޅެއް ކުރިން އަލެވޭސްގެ ޔޮޓާއަށް ވަނީ ދެވަނަ ރީނދޫކާޑާ އެކު ރަތްކާޑު ދައްކާފައެވެ. އެހެންނަމެވެސް އެއްކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިޔަ އަލްވޭސްގެ މައްޗަށްކަށް ބާސެލޯނާއަށް ވަނީ ކުރި ނުހޯދިފައެވެ.
މިއީ ބާސާ އަށް ލީގުގައި މޮޅެއް ނުހޯދި ނިންމާލި ހަތަރުވަނަ މެޗެވެ. އެޓީމު އޮތީ ލީގުގެ އެއްވަނައިގަވާ މެޑްރިޑަށްވުރެ އަށް ޕޮއިންޓް ފަހަތުން 12 ވަނައިގައެވެ. ލީގުގައި ރޭ އޮސަސޫނާ އާއި އެތުލެޓިކޯ މެޑްރިޑު ވާދަކުރި މެޗު 3-1 ލަނޑުން ކާމިޔާބު ކުރީ އެތުލެޓިކޯއިންނެވެ. މެޗުގައި އެތުލެޓިކޯގެ ޖާއޯ ފެލިކްސް ދެލަނޑު ކާމިޔާބުކުރި އިރު އަނެއް ލަނޑު ކާމިޔާބުކުރީ ލޫކަސް ޓޮރޭރާއެވެ. މެޗުގެ ދެވަނަހާފްގެ ކުރީ ކޮޅު ޖާއޯ ފެލިސްއަށް ވަނީ އެތުލިޓިކޯށް ލިބުނު ޕެނެލްޓީން ލަނޑުޖަހަން ލިބުނު ފުރުސަތު ނަގާލާފައެވެ.
މި ނަތިޖާއެކު މެޑްރިޑް އެއްވަނާގައި އޮތީ 16 ޕޮއިންޓާއެކުއެވެ. އެތުލެޓިކޯ ތިންވަނައިގަ އޮތީ 14 ޕޮއިންޓާއެކުއެވެ.