މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ޕެންޝަންގެ ގޮތުގައި 117 މިލިއަށްވުރެ ގިނަ ފައިސާ ދޫކޮށްފައިވާ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކޮށްފިއެވެ.
ޕެންޝަން އޮފީހުން ޢާންމުކޮށްފައިވާ ތަފާސް ހިސާޞުތައް ދައްކާގޮތުން މިދިޔަ މަހު އެކަނިވެސް ޕެންޝަންގެ ގޮތުގައި 117818556.27 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އޭގެތެރެއިން އެންމެ ގިނަ ޢަދަދެއްގެ ފައިސާ ދޫކޮށްފައިވަނީ އަސާސީ ޕެންޝަންގެ ގޮތުގައެވެ. އެގޮތުން 18،303 މީހަކަށް 87.03 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފައިސާ ދޫކޮށްފައވަނީ ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރަކުރާ ފަރާތްތަކަށް ދައުލަތުންދޭ އިނާޔަތުގެ ގޮތުގައެވެ. އެގޮތުން 4016 މީހަކަށް 17.33 މިލިއަން ރުފޔާ ދޫކޮށްފައިވެއެވެ.
މީގެ އިތުރުން ރިޓަޔަރމަންޓް ޕެންޝަންގެ ގޮތުގައި 1،346 މީހަކަށް 7.38 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ދައުލަތުގެ އެހެނިހެން ރިޓަޔަރމަންޓް ޢިނާޔަތުގެ ގޮތުގައި 3،206 މީހަކަށް 6.06 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. ޕެންޝަން އޮފީހުން ދޫކުރަމުން އަންނަ ޕެންޝަން ފައިސާގެ ތެރެއިން ރިޓަޔަރަމަންޓް ޕެންޝަން ފިޔަވާ ހުރިހާ ޕެންޝަނަކީވެސް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއެވެ.
އޮކްޓޫބަރު މަހުގެ ޕެންޝަން ފައިސާ ޕެންޝަނަރުންގެ އެކައުންޓުތަކަށް ޖަމާކޮށްފި pic.twitter.com/IZa17QdEWR
— Pension Office (@PensionOffice) October 31, 2020
ދިވެހިރާއްޖޭގައި ޕެންޝަނާބެހޭ ގާނޫނު ވުޖޫދުވެގެން އައިސްފައިވަނީ 2009 ވަނަ އަހަރުއެވެ. މިގާނޫނު ވުޖޫދުވެ، 2011 ވަނަ އަހަރު ޕެންޝަން އޮފީސް އުފެދި، ޕެންޝަނާއި ބެހޭ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ގާއިމްވެގެން އައީ ވާލްޑް ބޭންކުގެ މާލީ އެހީތެރިކަމާއި އެކު 5 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި ހިންގުނު މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ އެހީތެރިކަމާއެކުއެވެ. ޕެންޝަން އޮފީސް ވުޖޫދުވެ، ރިޓަޔަރމަންޓް ޕެންޝަން ސްކީމު އުފެދި ހިގައިގަންނަށް ފެށުމާއިއެކު، ޕެންޝަންގެ ނަމުގައި ދައުލަތުން ދެމުން އައި އިނާޔަތްތައް އެއްކުޑައެއްގެ ދަށަށް ގެނައުމަށްޓަކާ، ޕެންޝަންގެ އިނާޔަތުގެ ނަމުގައި އޭގެކުރިން ދައުލަތުން ދެމުން އައި ގިނަ މާލީ އިނާޔަތްތައް ދިނުން ދައުލަތުން ވަނީ ހުއްޓުމަކަށް ގެނެސްފައެވެ.
ކޮމެންޓު ފޮނުވާ