ފުލުހުންގެ ދެ އެސިސްޓެންޓް ކޮމިޝަނަރަކު މިއަދުން ފެށިގެން މަގާމުން ވަކިކޮށް، ހަތަރު އޮފިސަރަކު ވަކިކުރަން ނިންމައި އެ އޮފިސަރުންނަށް ކޮމިޘަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ނޯޓިސް ފޮނުއްވައިފިއެވެ.
ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ނިންމި ނިންމުމާއި ގުޅިގެން ވަޒީފާއިން ވަކިކުރަން އެންމެ ފުރަތަމަ ނޯޓިސް ދީފައިވާ އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރ މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު މިއަދުން ފެށިގެން ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައެވެ.
ދެ ފުލުހަކު ވަޒީފާއިން މިއަދު ވަކިކޮށްފައިވާއިރުޔ، މިމަހުގެ 20އިން ފެށިގެން މަޤާމުން ވަކިކުރުމަށް ނޯޓިސް ފޮނުވާފައިވަނީ، އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އަދި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމަށެވެ.
ޕޮލިސް ބޯޑުން ވަޒީފާއިން ވަކިކުރުމަށް ނިންމަވާފައިވާ ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދަށް ނޯޓިސް ފޮނުވާފައެއް ނުވެއެވެ. އެއީ އޭނާ ރާއްޖެގައި ނެތުމުންނެވެ. އޭނަ ހުންނެވީ އޮސްޓްރޭލިއާގައެވެ.
ފުލުހުންގެ ވަޒީފާއިން އިސް ގިނަ އޮފިސަރުންތަކެއް ވަކިކުރުމަށް ނިންމާފައިވާއިރު، އެ އޮފިސަރުން ވަޒީފާއިން ވަކިކުރުމަށް ނިންމި ސަބަބެއް އަދި އެއްވެސް އިދާރައަކުން ހާމަކޮށްފައެއްނުވެއެވެ.
އަލަށް އަމަލުކުރަން ފެށި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުން ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝާނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ބޯޑުން ބަލަން ޖެހެއެވެ.
އަދި އެފަދަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓުކުރެވިފައިވާ އޮފިސަރުންނަކީ މަގާމަށް އެކަށޭނަ ތައުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާ އާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުން ކަމާމެދު ގޮތެއް ޕޮލިސް ބޯޑުން ކަނޑައެޅަން ޖެހޭނެއެވެ.