އުރީދޫ ސާފް ޗެންޕިއަންޝިޕްގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ރާއްޖެއާއި، ސްރީލަންކާ ވާދަކުރި މެޗުގައި ރާއްޖޭގެ އިތުބާރު ފޯވާޑު އަލީ އަޝްފާޤު ޖެހި ގޯލާއިއެކު ލަންކާ ބަލިކޮށް ރާއްޖެއިން މުބާރާތުގެ ފައިނަލަށް ދިއުމުގެ އުންމީދު ބޮޑުކޮށްފިއެވެ.
މިމެޗުން މޮޅުވުމާއިކު ރާއްޖެވަނީ އެއްވަނައިގައި އޮތް ނޭޕާލްއާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފައެވެ. މިއަދުގެ މެޗުގއި ރާއްޖެއިން ޖެހި ހަމަ އެކަނި ގޯލް މެޗުގެ ވަރަށް ކުރީކޮޅު ކާމިޔާބް ކޮށްދިނީ އަލީ އަޝްފާޤުއެވެ. މިލަނޑަށްފެހުވެސް ރާއްޖެއަށްވަނީ ހުސް ގިނަ ފުރުސަތުތަކެއް ލިބިފައެވެ.
މެޗުގައި ރާއްޖޭގެ ފޯވާޑުލައިނުގައި ކުޅުނު އަލީ އަޝްފާޤު، އަލީ ފާސިރު، ހަމްޒާއަށް ހުސް ގިނަ ފުރުސަތުލިބި ބޭނުންކުރެވޭ ގޮތްވަނީ ނުވެފައެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހުބައިގައި ލަންކާއިން ވަނީ ގޯލެއްޖެހުމަށް މަސައްކަތްކޮށް ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ލަންކާއަށް މިހާފުގައި ގޯލަށް އަމާޒުކޮށް މާނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައިނުވެއެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ކީއްޕަރު ފައިސަލް އަށްވަނީ އަނިޔާވެގެން ބަދަލުކޮށްފައެވެ. ނަމަވެސް އޭނާއަށް ލިބިފައިވަނީ ކިހާ ސީރިއަސް އަނިޔާއެއްކަމެއް އަދި ނޭގެއެވެ. މިމެޗުގައި ރާއްޖެއިން އުފެއްދި 4 ހަމަލާއެއް ވަނީ ގޯލު ދަނޑިއަށް އަމާޒުވެފައެވެ. ރާއްޖެއަށް މިމެޗުގައި ލަންކާ ކޮޅަށް ގިނަ ގޯލްތަކެއް ޖެހުމުގެ ތަނަވަސް ފުރުސަތުތަކެއް ލިބުނު ނަމަވެސް ރާއްޖެއަށް ގިނަ ހަމަލާތައް ގޯލަކަށް ބަދަލުކޮށްލެވިފައިނުވެއެވެ.
މެޗުގެ ދެވަނަ ހާފުގައި ރާއްޖެއިން ވަނީ އަޝްފާގުއާއި، ހަމްޒާވެސް ބަދަލުކޮށްފައެވެ. ބަދަލު ކުޅުންތެރިގެ ގޮތުގައި ކުޅެން ނިކުތް ރާއިފްއަށްވެސް މެޗު ނިމެން 3 މިނިޓަށް ވެފައި ވަނިކޮށް ހުސް ފުރުދަތެއް ލިބިފައިވެއެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަވެސް ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ. މިމެޗުން ރާޢްޖެ މޮޅުވުމާއިއެކު މުބާރާތުގެ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ރާއްޖެއަށް ވަނީ ލިބިފައެވެ. މިމަހުގެ 13 ވަނަ ދުވަހުގެރޭ އިންޑިއާއާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ރާއްޖެއަށް މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ.
މިމުބާރާތުގައި މިރޭވެސް ފޯރިގަދަ މެޗެއް ކުޅެވޭނެއެވެ. މިރޭގެ މެޗުގައި ބައްދަލުކުރާނީ، އިންޑިއާއާއި، ނޭޕާލްއެވެ. މިމެޗުން ބަލިވެއްޖެނަމަ އިންޑިއާއަށް މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ގެއްލޭނެއެވެ.
ކޮމެންޓު ފޮނުވާ