"ވޯލްޑް މަޖިލިސް 2.0 އެކްސްޕޯ"ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެން ޚާއްސަ މެސެޖް ތަކެއް ދެއްވައިފިއެވެ.
މި އެކްސްޕޯ ބާއްވާފައިވަނީ ދުބާއީގައި މިހާރު ކުރިއަށްދާ "އެކްސްޕޯ 2020″ ހަވާސާގެ ތެރެއިންނެވެ. މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށްދާ "އެކްސްޕޯ 2020″ގައި މިމަހުގެ 3 އިން 9 ވަނަ ދުވަހާއި ހަމައަށް ޚާއްސަކޮށްފައިވަނީ "ކްލައިމެޓް އެންޑް ބަޔޯޑައިވަރސިޓީ ވީކް"ގެ ގޮތުގައެވެ.
މިމަހުގެ 7 ވަނަ ދުވަހު ބޭއްވި އެކްސްޕޯގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށާއި، އެކަންކަން ހުއްޓުވުމަށް ކުރެވިދާނެ މަސައްކަތްތަކާގުޅޭގޮތުންވަނީ ވާހަކަފުޅުދައްކަވާފައެވެ. ރައީސް ނަޝީދަކީ ތިމާވެށީގެ އެކިކަހަލަ މައްސަލަތައް ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަމަށްގެނެސް، އެކަންކަމަށް ވަކާލަތުކުރުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.
Hon. Speaker, President @MohamedNasheed participated in the World Majlis Earth 2.0 Expo in Dubai and discussed about how engineering skills can help to reverse climate change or give ways to adapt to it. pic.twitter.com/PUK30SFkpx
— People's Majlis (@mvpeoplesmajlis) October 7, 2021
"ވޯލްޑް މަޖިލިސް 2.0 އެކްސްޕޯ"ގެ މައިގަނޑު ޝިއާރެއްގެގޮތުގައި ކަނޑައަޅާފައިވަނީ "ރީ-އިންޖިނިއަރިން ޕްލެނެޓް އާރތް" މި ޝިއާރެވެ. ވޯލްޑް މަޖިލިސްއަކީ އެއިރެއްގައި ދުނިޔޭގައި ފާހަގަކޮށްލެވޭ މުހިއްމު މައްސަލަތަކާއި މަޢުލޫތަކަށް އީޖާދީގޮތެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްގެންދާ ޚާއްސަ ފޯރަމެކެވެ. ދުބާއީގައި ކުރިއަށްދިޔަ މި އެކްސްޕޯ ބާއްވާފައިވަނީ ދިވެހިރާއްޖެއާއި ގުޅިގެންނެވެ.
ރައީސް ނަޝީދުގެ އިތުރުން، މިފަހަރުގެ އެކްސްޕޯގައި ސްޕީކަރުންގެ ގޮތުގައި ޔޫ.އޭ.އީގެ ނެޝެނަލް ސެންޓަރ ފޯރ މީޓިއޮރޮލޮޖީގެ ޑިރެކްޓަރ ޖެނެރަލާއި، ޔޫ.އޭ،އީގެ ފަރާތުން އިންޓަރނޭޝަނަލް ރިނިއުއަބަލް އެނަރޖީ އެޖެންސީ، އައިރީނާއަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބާއި، ޕޯޗުގަލްގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ އެންވަޔަރަމަންޓްގެ އިތުރުން ޖިއޯސައިންސްގެ ދާއިރާއާއި އެންވަޔަރަމަންޓަލް ސައިންސްގެ ދާއިރާއިން ފާހަގަކޮށްލެވޭ ދެ ޕްރޮފެސަރަކުވެސް ވަނީ ބައިވެރިވެވަޑައިގެން އެބޭފުޅުން ތަޖުރިބާއާއި، ޚިޔާލާ މަޝްވަރާތައް ފޯރަމްގެ ތެރެއިން ހިއްސާކުރައްވާފައެވެ.