ފިއްލަދޫގެ އިޚްތިޞާސްގައި ދައްޕަރު އަލުން ހިމެނުމަށް ރައީސް ނިންމަވައިފި

ފިއްލަދޫގެ އިޚްތިޞާސްގައި ދައްޕަރު އަލުން ހިމެނުމަށް ރައީސް ނިންމަވައިފި

Author
މުޙައްމަދު ޖިމީ
04 އޮކްޓޯބަރ 2021 06:16
0

ހއ.ފިއްލަދޫގެ އިޚްތިޞާސްގެ ތެރޭގައި ދައްޕަރު އަލުން ހިމެނުމަށް ރައީސުލޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ދައްޕަރަކީ ހއ.ފިއްލަދޫގެ އުތުރުން އެރަށާގުޅިފައި އޮންނަ ރަށެކެވެ. 2010 އަހަރު ހއ.ދައްޕަރަކީ ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި، އެރަށުގައި ރިސޯޓެއް ތަރައްޤީކުރުމަށް ބަޔަކާއި ހަވާލުކުރިއެވެ. ނަމަވެސް ރިސޯޓް ތަރައްޤީކުރުން އެރަށުގައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އޭގެ ފަހުން މިދޔަ އަހަރުގެ މާރިޗް 18 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ފިއްލަދޫގެ އިހުތިޞާސްގެ ތެރޭގައި ދައްޕަރު ހިމަނުއްވާފައެވެ. ނަމަވެސް ފަހުން ރައީސް އޮފީހުން ނެރުނު ގަރާރެއްގައި ވަނީ ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިޞާސްގެ ތެރެއިން ދައްޕަރު ވަކިކޮށްފައެވެ.

މިކަމާއި ގުޅިގެން އެރަށު ރައްޔިތުންގެ ކަންބޮޑވުންތައް ހިމަނާ މަޖިލީހަށް ވަނީ ޕެޓިޝަނެއް ހުށައަޅާފައެވެ.

ރައްޔިތުންގެ މި ކަންބޮޑުވުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިޤްތިޞާދީ ކައުންސިލާއި މަޝްވަރާކުރައްވާފައެވެ. މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ދައްޕަރު މައްސަލައާއި ގުޅޭގޮތުން އެރަށު ކައުންސިލާއި މަޝްވަރާތައް ކުރެވިފައިވާކަަމަށެވެ. އަދި ފިއްލަދޫ ކައުންސިލްގެ އިޚްތިޞާސްގައި ދައްޕަރު އަނބުރާ ހިމެނުމަށް ރައީސް ނިންމަވާފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޝްވަރާއަކާ ނުލައި ހއ.ފިއްލަދޫ އިހްތިސާސުން ދައްޕަރު ވަކިކުރި މައްސަލައިގައި ފިއްލަދޫ ރައްޔިތުން، މަޖިލީހުގެ ރިޔާސަތުގެ އެއްބާރުލުމާއެކު ހުށަހެޅި ޕެޓިޝަން އޮއްބާލަން މަޖިލީހުން މަސައްކަތް ކުރިކަމުގެ ތުހުމަތުވެސް ވަނީ ކުރެވިފައެވެ. އެއީ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން އެ މައްސަލ ދިރާސާކުރަމުން ގެންވިއިރު ކޮމިޓީގެ ބައެއް މެންބަރުން ވަނީ ފިއްލަދޫ އިޙްތިޞާސްގެ މައްސަލަ އިހަށް މަޑުޖައްސާލުމަށް ގޮވާލައްވާފައެވެ.

މިކަމާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އެއީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.

ދައްޕަރު މައްސަލާގައި ފިއްލަދޫ ހިމެނޭ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެރަށަށް ވަޑައިގެން އުޅުއްވަނިކޮށް، ރަށުގެ ޒުވާނުން އޭނާގެ އިސްތިއުފާއަށް ގޮވާ އޭނާ ވަނީ ރަށުން ބާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.