ބޮޑު ޚިޔާނާތާއި ގުޅޭ ހުރިހާ އެއްބަސްވުންތަކެއް ހާމަކުރުމަށް ޓްރާންސްޕޭރެންސީން ގޮވާލައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ހުރިހާ އެއްބަސްވުންތަކެއް ހާމަކުރުމަށް ޓްރާންސްޕޭރެންސީން ގޮވާލައިފި

ގުޅުންހުރި

އެމްއެމްޕީއާރުސީގެ ޚިޔާނާއި ގުޅޭ ކަންކަން ހާމަކޮށް ބޮޑުގޮތެއްގައި ގެންދިއުމަށާއި، އެކަމާއި ގުޅޭ އެންމެހާ ކަންކަން ސަރުކާރުން އިސްނަގައިގެން ރައްޔިތުންނަށް ސާފުކޮށްދިނުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައި ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ ހުކުމް އިސްތިއުނާފުކުރުމާއި ގުޅޭގޮތުން 27 ސެޕްޓެމްބަރު 2021 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ ވަކީލުވަނީ މޯލްޑިވިއަން މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީގެ (އެމް.އެމް.ޕީ.އާރް.ސީގެ) ހިޔާނާތުގެ މައްސަލައިގައި ޝާމިލްވާ އަމިއްލަ ކުންފުންޏެއްކަމުގައިވާ އެސް.އެފް.އޯގެ މައްޗަށް ދައުލަތުން ދައުވާނުކުރުމަށް ނިންމާފައިވާކަމަށް ހާމަކޮށްފައިކަމަށް ބަޔާންކޮށްފައެވެ.

މި ހަބަރާއި ގުޅިގެން 28 ސެޕްޓެމްބަރު 2021ގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އެއޮފީހުން އެސް.އެފް.އޯގެ އިސް ވެރިންގެ މައްޗަށް ދައުވާނުކުރުމަށް ނިންމާފައި ނުވާނެކަމަށާއި، އެހެން ނަމަވެސް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު  ބިޝާމްގެ ދައުރުގައި އެސް.އެފް.އޯގެ މައްޗަށް ދައުވާނުކުރަން އެސްބަސްވުމެއް ވެވިފައިވާކަމަށްވަނީ މައުލޫމާތު ދީފައިވާކަން ޓްރާންސްޕޭރެންސީން ވަނީ ފާހަގަކޮށްފައެވެ. ކޮރަޕްޝަންގެ އަމަލެއް ހިންގުމުގައި ބައިވެރިވި ފަރާތްތަކާއި އެކު މިފަދަ އެއްބަސްވުމެއް އެއްވެސް އިރެއްގައި ވެފައިވުމަކީ އެޖަމިއްޔާއިން ނުހަނު ކަން ބޮޑުވާ، އަދި ކުށްވެރިކުރާ ކަމެއްކަމަށްވެސް ޓްރާންސްޕޭރެންސީން ބުންޏެވެ.

ދިވެހިރާއްޖޭގެ މަނީލޯންޑަރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގައި މަނީލޯންޑްރިންގެ ކުށް ސާބިތުވާ ފަރާތްތަކާއި މަނީލޯންޑްރިންގެ ކުށުގައި އެއްވެސްގޮތަކަށް އެހީވެ ޖާމިނުވާ ފަރާތްތަކުގެ މައްޗަށް ހުކުމްތަކެއް ސާފުކޮށް ބަޔާން ކޮށްފައިވަނިކޮށް މިފަދައިން މުޅި ކުށުން ބަރީއަވާފަދަ އެއްބަސްވުމެއް ހެދުމަށް ގާނޫނުން ތަންދެނީ ކިހާ މިންވަރަކަށްތޯ ސުވާލު އުފެދެއެވެ.

– ޓްރާންސްޕޭރެންސީ މޯލްޑިވްސް

ޓްރާންސްޕޭރެންސީން ބުނީ، ދިވެހިންގެ މުދަލުން އެތައް ރަށަކާއި ފަޅުތަކެއް ނަހަމަގޮތުގައި އަދި ނުއަގުގައި ވިއްކައިގެން ދައުލަތުގެމާލިއްޔާތައް ވަންނަންޖެހޭ 3.4 ބިލިއަން ދިވެހިރުފިޔާގެ މިހިޔާނާތުގައި ޝާމިލްވާ އެއްވެސް ބަޔަކަށް ގާނޫނުގައި ކަޑައެޅިފައިވާ އެއްވެސް އަދަބެއް ނުލިބޭނޭގޮތަކަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެއްވެސް އެއްބަސްވުމެއްވުން، ނުވަތަ އެފަދަ އެއްބަސްވުމެއްގެ ހިޔާލުގެންގުޅުމަކީވެސް ޓްރާންސްޕޭރަންސީ މޯލްޑިވްސް އަށް އެއްގޮތަކަށްވެސް ބަލައިގަނެވޭ ކަމެއް ނޫންކަމަށެވެ. އަދި މިބޮޑު ހިޔާނާތުގެ ޖަރީމާ ފަޅާ އެރި ފަހުން 8 އަހަރުވުމާއި ގާތްވެފާއިރު، އެސް.އޯ.އެފް މެދުވެރިކޮށް ދިވެހިންގެ އަތުން ފޭރިގަތްކަމަށް ލިޔެކިޔުމުން ފެންނަންހުރި ފައިސާ ހޯދުމަށާއި އެކަމުގައި ޝާމިލުވާފަރާތްތަކާއި، އެސް.އޯ.އެފްގެ އިސްވެރިންނަށްވެސް އެއްވެސްކަހަލަ ޝަރީއަތެއް ހިންގާ ނަތީޖާ ނުނެރެވި ވާއިރު، އެހެނިހެން ގޮތްގޮތުން ގެއްލުވާލެވުނު ފައިސާ ހޯދުމުގައި އެއްބަސްވުމެއް ހެދުމުގެ މަގުސަދާއި މެދު ވެސް ސުވާލު އުފެދޭކަމަށްވެސް ޓްރާންސްޕޭރެންސީން ބުންޏެވެ.

އެމް.އެމް.ޕީ.އާރް.ސީގެ ހިޔާނާތުގެ ތުހުމަތުކުރެވޭ ފަރާތްތައްހޯދާ، ތަހުގީގުކޮށް، އަދުލުއިންސާފުގެ ކުރިމައްޗަށްގެނެއުމުގައި ބޮޑެތި ލަސްވުންތަކެއް ވަމުންދިއުން ފާހަގަކުރުމާއި އެކު، ދިވެހި ރައުސުލްމާލުން ގެއްލުނު ފައިސާއާއި ނުހައްގު ގޮތުގައި ދޫކުރި ރަށްތަކާއި ފަޅުތައް އަނބުރާ ހޯދުމުގެ މަސައްކަތް އަވަސްކުރުމަށް މިޖަމިއްޔާއިން ގޮވާލަމެވެ.

– ޓްރާންސްޕޭރެންސީ މޯލްޑިވްސް

އެ ޖަމްޢިއްޔާއިން ބުނީ މިހިޔާނާތް ތަހުގީގުކުރުމާ، މިކަމުގައި ޝާމިލްވާފަރާތްތަކައި އެކުވެވޭ އެއްބަސްވުންތަކުގެ ހާމަކަން ކުޑަކަމާއި، އެފަދަ އެއްބަސްވުންތަކުގެ ނިޔަތަކީ ކޮބާކަމާއި، އެއިގެ ފައިދާ އަސްލު ލިބޭ ފަރާތްތަކަކީ ކޮބާކަން ސިއްރުކުރެވިފައި އޮތްކަމީ ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމެއްކަމަށެވެ. އަދި މިމައްސަލައިގެ ކަންތައްތައް ހާމަކަންބޮޑުގޮތެއްގައި ގެންދިއުމަށާއި، މިމައްސަލަޔާގުޅިގެން ރައްޔިތުންނަށް އޮޅުންއަރާފައިވާކަންތައްތައް މިހާރުން މިހާރަށްވެސް ސާފުކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށާއި ގުޅުންހުރި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ގޮވާލާކަމަށްވެސް އެކަމްޢިއްޔާއިން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ