ޖަޕާނުގެ 100ވަނަ ބޮޑުވަޒީރުގެ ގޮތުގައި، ފުމިއޯ ކިޝިޑާ މަގާމާ ހަވާލުވެ ވަޑައިގެންފި

ޖަޕާނުގެ 100ވަނަ ބޮޑުވަޒީރުގެ ގޮތުގައި، ފުމިއޯ ކިޝިޑާ މަގާމާ ހަވާލުވެ ވަޑައިގެންފި

Author
ހުސެއިން
04 އޮކްޓޯބަރ 2021 12:03
0

ޖަޕާނުގެ 100ވަނަ ބޮޑުވަޒީރުގެ ގޮތުގައި، އެގައުމުގެ ވެރިކަން ކުރާ ޕާޓީގެ ލީޑަރުކަމަށް ފާއިތުވެދިޔަ ހަފްތާގައި އިންތިޚާބު ކުރެއްވުނު، ޖަޕާނުގެ ކުރީގެ ފޮރިންގ މިނިސްޓަރ ފުނިއޯ ކިޝިޑާ ޖާޕާނުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންފިއެވެ.

ކިޝިޑާ ޖަޕާނުގެ ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވީ އެމަގާމުގައި ހުންނެވި ޔޮޝިހީޑެ ސުގާ، މަގާމާ ހަވާލުވެ ވަޑައިގަތްތާ އަހަރެއްހާ ދުވަސްފަހުން މަގާމުން އިސްތިއުފާ ދެއްވުމާއެކުއެވެ.

އުމުރުން 64 އަހަރުގެ ކިޝިޑާ ޖަޕާނުގެ ބޮޑުވަޒީރުކަމާއި ހަވާލުވެ ވަޑައިގެންނެވީ، ފާއިތުވެދިޔަ ހަފްތާގައި ބޭއްވުނު، ވެރިކަންކުރާ ޕާޓީގެ ވާދަވެރި ލީޑަރޝިޕް އިންތިޚާބު 4 ކެނޑިޑޭޓަަކާ ވާދަކުރައްވާ އޭނާ ކާމިޔާބު ކުރެއްވުމާއި ގުޅިގެންނެވެ.

އަލަށް މަގާމާ ހަވާލުވެ ވަޑައިގެންނެވި ކިޝިޑާއަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނޭ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރަމުންދާ، ޖަޕާނަށް މިހާރު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ގޮތުގައި ގިނަބަޔަކު ފާހަކުރަނީ މުޅި ދުނިޔެއަށްވެސް ކުރިމަތި ވެފައިވާ ކޯވިޑްގެ ނުރައްކާލުން އަރައިގަތުމާއި އަދި އޭގެ އިތުރުން އަވަށްތެރި އުތުރު ކޮރެއާގެ ފަރާތުން ކުރިމަތިވާ އަސްކަރީ ގޮންޖެހުންތަކެވެ.

އަދި އެއާއިއެކު، ކޯވިޑް ކާރިސާގެ ތެރޭގައި ޖަޕާނުގައި އޮލިމްޕިކް ކުޅިވަރު މުބާރާތް ބޭއްވުމަށް އިސްތިއުފާ ދެއްވި ބޮޑުވަޒީރު ސުގާ ކުރެއްވި މަސައްކަތްތަކުގެ ސަބަބުން، އެލްޑީޕީއަށް ގެއްލިގެން ގޮސްފައިވާ ޖަޕާނުގެ އާންމު ރައްޔިތުންގެ ތާއީދުވެސް، ޕާޓީގެ ލީޑަރެއްގެ ހައިސިއްޔަތުން އަބުރާ ހޯދުންވެސް ވެގެންދާނީ ކިޝިޑާއަށް ކުރިމަތިއްލައްވަން ޖެހިވަޑައިގަންނަވާނޭ ގޮންޖެހުމެއްގެ ގޮތުގައިވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ.

ޖަޕާނުގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި އަބޭ ފާއިތިވެދިޔަ އަހަރު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވި ސުގާ އަހަރެއްހާ ދުވަސްފަހުން މަގާމުން އިސްތިއުފާ ދެއްވީ، ކޯވިޑް ކާރިސާ މެނޭޖުކުރުމުގައި ޖަޕާން ސަރުކާރުން އަމަލު ކޮށްފައިވާ ގޮތުގެ ސަބަބުން އާންމުންގެ މެދުގައި އޭނާއަށް އޮތް ތާއީދު އިންތިހާއަށް ދަށްވެގެން ގޮސްފައި ވަނިކޮށެވެ.

ޖަޕާނުގެ ބޮޑުވަޒީރުކަމާ މިއަދު ހަވާލުވެ ވަޑައިގެންނެވި، ފުނިއޯ ކިޝިޑާ އެލްޑިޕީގެ ލީޑަރޝިޕްގައި އަންނަ ނޮވެމްބަރުގެ ކުރިން ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބު ޖަޕާނުގައި ބޭއްވިގެން ދާނެއެވެ.

ކިޝިޑާ މިއަދު މަގާމާ ހަވާލުވެ ވަޑައިގެންނެވުމާއެކު، މިއަދު ހަވިރުގެ ވަގުތެއްގައި އޭނާގެ ކެބިނެޓް އިއުލާން ކުރައްވާނެއެވެ.

ވެރިކަމުގެ ނިޒާމެއްގެ ގޮތުގައި ބަރުލަމާނީ ނިޒާމެއް އޮންނަ ޖަޕާނުގައި މިހާރުވެސް ވެރިކަން ކުރަމުންދާ ޕާޓީ ކަމުގައިވާ އެލްޑީޕީގެ ލީޑަރަކަށް ހުންނަވާ ބޭފުލަކު ވެވަޑައިގަންނަވާނީ ކުރިޔަށް އޮތް އާންމު އިންތިޚާބަށްފަހު އެގައުމުގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނެ ބޭފުޅަކު ކަމުގައެވެ.

ފާއިތުވެދިޔަ ހަފްތާގައި ބޭއްވުނު، ވެރިކަން ކުރާ އެލްޑީޕީގެ ލީޑރޝިޕް އިންތިޚާބުގައި ވާދަކުރެއްވި ދެ އަންހެން ބޭފުޅުންގެ ތެރެއިން ބޭފުޅަކަށް އިންތިޙާބު ކާމިޔާބު ކުރެއްވުނުނަމަ، ވެވަޑަގަތީހީ ޖަޕާނުގެ ތާރީޚުގައި ވެވަޑައިގަންވާ ފުރަތަމަ އަންހެން ބޮޑުވަޒީރަކަށެވެ. މިހާތަނަށް އައިއިރު، އެލްޑީޕީގެ 66 އަހަރުގެ ތާރީޚުގައި ރަސްމީކޮށް އެޕާޓީގެ ލީޑަރޝިޕަށް ވާދަކޮށްފައިވަނީ އެންމެ އަންހެން ބޭފުޅެކެވެ. އެއީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ މިހާރުގެ ގަވަރުނަރު ޔުރިކޯ ކޮއިކެއެވެ.

ޖަޕާން ހިމެނިގެންދަނީ މުޅި ދުނިޔޭގައިވެސް، ސިޔާސީ މަސްރަހުގައި އެންމެ މަދުން އަންހެނުން ހަރަކާތްތެރިވާ އެއް ގައުމު ކަމުގައެވެ.

ޖަޕާނުގައި ކުރިން ފޮރިންގ މިނިސްޓަރުކަން ކުރައްވާފައިވާ ކިޝިޑާ އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ، 4 ކެނޑިޑޭޓުންގެ މެދުގައި ބޭއްވުނު އިންތިޚާބުގެ ފުރަތަމަ ބުރުން އެއްވެސް ކެނޑިޑޭޓަކަށް %50 އަށްވުރެ މަތިން ވޯޓު ނުލިބުމުން، ދެވަނަ ބުރުގައި ޓަރޯ ކޮނޯއާއި ވާދަކޮށް އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.